ދިވެހި ރައްޔިތުންނަކީ އަބަދު ކުލި ދައްކައިގެން އުޅެން ޖެހޭ ބައެއް ނޫން ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

ޖާބިރު ވިދާޅުވީ ގައުމުގެ އިޖުރާޢަތްތައް ހަމަޖެހިގެންދާންވާނީ ފިނޭންޝިއަލް އޯޑަރުގައިކަމަށްވިޔަސް އެކަމެއް ރާއްޖޭގައި ނެތް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން އެއްވެސް ހަގީގަތެއްނެތި ދައްކަމުންދާ އަސާސެއްނެތް ވާހަކަތައް ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެފައިވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާ މެމްބަރު ޖާބިރު ވިދާޅުވީ ބިންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތްތަކުގެ ތަފްސީލް މިނިސްޓަރާ ހިއްސާކުރެއްވި ކަމަށެވެ.

ރައީސް މައުމޫން ހުޅުމާލެ ބިނާ ކުރެއްވީ ފޭސްތަކަކަށް ބަހާލައިގެން. ހުޅުމާލޭގައި އެންމެން ތިބެންވީ ކުލީގައިތޯ؟. ދިވެހިރައްޔިތުން ތިބެންވީ ކުލީގައިތޯ؟ މިއީ އަޅުގަނޑުގެ ސުވާލެއް. ބޯހިޔާވަހިކަން ހޯދައިދޭނަމަ އެ ބިންތައް ދިވެހި ރައްޔިތުންނަށް ގަނެވެންޖެހޭނެ. ކުލީގަ ތިބެގެންނުވާނެ ރައްޔިތުންނެއް. ގެރެންޓީ ދިނުމުގައި ގާނޫނެއް މަޖިލީހުން މީގެ ކުރިން ގެންގުޅުނު. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ވަގުތުން މާލިއްޔަތު ގާނޫނުވެސް ބާތިލްކޮށްލީ. މަޖިލީހުގަ އޮންނަން ޖެހޭނެ ބާރެއް މާލިއްޔަތު ގާނޫނުގެ ބާރަކީ."
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

މެމްބަރު ޖާބިރު ވިދާޅުވީ ރާއްޖޭގެ ފިނޭންޝިއަލް ނިޒާމު ހިނގަން ޖެހޭނީ އެހެން ގައުމުތަކުގައި ކަންކަން ހިނގާގޮތަށް ކަމަށާއި ނަމަވެސް ހިތާމައަކީ އެމަގުން ރާއްޖޭގެ ވިޔަފާރީގެ މުއާމަލާތްތައް ނުދާތީ ކަމަށެވެ.

ޕްރައިވެޓް ވިޔަފާރިކުރާ ފަރާތްތަކަށް ސޮވްރިން ގެރެންޓީ ސަރުކާރުން ދޭ ކަމުގެ ތުހުމަތު ކުރައްވާ ޖާބިރު ވަނީ ފީސިބްލް ޕްރޮޖެކްޓް ނޫން ޕްރޮޖެކްޓްތަކަށް ފައިސާ ދޫކުރުމަކީ ރަނގަޅު ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.