ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި ބާއްވާ ވޯކްޝޮޕްތައް މީސްތަކުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން ފެތުރޭފަދަ ގޮތްތަކަށް މަޢުލޫމާތު ދެއްވާ ބޭފުޅުން އެއީ ހަރުކަށިފިކުރުގެ ބާނީންކަމުގައި މެނުވީ ނުވާނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިމިވަނީ ރ.އުނގޫފާރުގައި ކުރިއަށްގެންދިޔަ ހަފްތާރެސް ޕްރޮގްރާމުގައި ކުރިއަށްގެންދިޔަ ސެޝަނެއްގައި ދަރިވަރުން ހަރިކަށި ފިކުރަށް ދާކަމުގެ އަލާމަތްތަކުގެ ގޮތުގައި ސްކޫލު ގަޑީގައި ނަމާދުކުރުން ހިމެނޭކަމަށް ބުނެ މަޢުލޫމާތު ފަތުރާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުންދަނިކޮށެވެ.

އިޔާޒް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލުމުގެ ބޭނުމުގައި ކަމަށްބުނެ ދަރިވަރުންގެ ޢަޤީދާ ފާސިދުވާފަދަ ވާހަކަތައް ފަތުރާ، ދަރިވަރު ލައްވާ ގަދަކަމުން މިޔުޒިކް ކުޅުވަން އުޅޭ އުޅުމަކީ ހަރުކަށިފިކުރުގެ ޢަމަލެއް ކަމަށެވެ.

އަދި ދަރިވަރުން ކިޔަވާހިތްވާ ދާއިރާ އަކުން ކުރިޔަށް ދިޔުމަށް ފުރުސަތު ދިނުމަށާއި ވަކި ދާއިރާ އަކުން ކިޔަވަން މަޖްބޫރު ނުކުރުމަށް ސްކޫލުތަކަށް ސާރކިޔުލަރ ފޮނުވުމަށްފަހު އެސެމްބްލީގައި ލަވަނުކިޔާ ކުއްޖާ ނުވަތަ މިޔުޒިކް ކިޔަވަން ބޭނުންނުވާ ކުއްޖާ ބާކީކޮށް ލޭބަލްކޮށް ހެދީމާ އެޑިއުކޭޝަން މިނިސްޓްރީގެ ބަހާއި އަމަލާ ދިމާނުވާ ކަމަށެވެ.

ނެޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރު ޓެގް ކުރައްވާ އިޔާޒް ވަނީ ކިތަންމެ ވަރަކަށް ﷲގެ ނޫރުފުޅު ފޮހެލަން އަނގަތަކުން ފުމުނު ނަމަވެސް، އަދި ބަޔަކު ކިތަންމެ ނުރުހުނަސް، ﷲ އެއިލާހުގެ ނޫރުފުޅު ފުރިހަމަ ކުރެއްވުމަށް މެނުވީ އިރާދަ ނުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މުސްލިމުންގެ އުފާވެރި ޢީދު ފާހަގަކުރުމުގެ ނަމުގައި ޙަރާމްކުރެއްވި ޝޯވތައް ބާއްވާ, ވަކިން ޚާއްސަގޮތެއްގައި އެފަދަ މުންކަރާތްތައް އުވިގެން ގޮސްފައިވާ ރަށްތައް ބަލައިގެން އެމުންކަރާތްތައް ޢާއްމުކުރަން މަސައްކަތްކުރުމަކީ ހަރުކަށި ލާދީނީ ފިކުރުގެ ޢަމަލެއް."
ޑރ. މުހައްމަދު އިޔާޒް

ޑރ. އިޔާޒް ވަނީ މިޔުޒިކް ކުޅެން, އަދި ލަވަކިޔަން ބޭނުން ނުވާ ކުއްޖަކު ލައްވާ ކޮންމެހެން އެކަން ކުރުވަންޖެހެނީ އަދި އެކަންކުރަން ދެކޮޅު ހަދާ ދަރިވަރު އެއީ ހަރުކަށި ފިކުރުގެ ކުއްޖެއްގެ ގޮތުގައި ލޭބަލްކުރަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފައްދަވާފައެވެ.

ޑރ. އިޔާޒްގެ ފާޑުކިޔުން އެޑިއުކޭޝަނަށް އަމާޒުވިއިރު މިނިސްޓަރު ވަނީ ރާއްޖޭގެ ގައުމީ މަންޙަޖުގެވެސް އެންމެ މައިގަނޑު އެއް އަސާސަކީ އިސްލާމްދީނުގެ އުސޫލުތަކާއި ރިވެތި އާދަތައް ދަރިވަރުންނަށް އުނގަންނައިދީ، ދިވެހި ގައުމަށް ލޯބިކުރާ ހުނަރުވެރި ކުދިންތަކެއް ބިނާކުރުން ކަމަށް ވިދަޅުވެފައެވެ.

އަދި ކޮންމެ ސްކޫލެއްގައިވެސް ސްކޫލް ތެރޭގައި ދަރިވަރުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.