މިދިޔަ މަހު ޝޫޓިންގް ފެށިފައިވާ އެކްޓަރު ސަލްމާން ޚާންގެ ފިލްމު "ކަބީ ޢީދު، ކަބީ ދިވާލީ" އިން ޓީވީ ބަތަލާ ޝްވޭތާ ތިވާރީ (ޕްރޭނާ) ގެ އަންހެން ދަރިފުޅު ފެނިދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ. ދާދިފަހުން ބަތަލާ ޝެހެނާޒް ގިލްއަށްވެސް ފިލްމުގެ ރޯލެއް ދީފައިވާއިރު ޝްވޭތާގެ ދަރިފުޅު ޕަލަކް ތިވާރީ ފިލްމުގައި ފެނިގެންދާނީ އެކްޓަރު ޖައްސީ ގިލްއާއެކުއެވެ.
ފިލްމުގައި ޕަލަކްއަށް ލިބިފައިވަނީވެސް ވަރަށް ރަގަޅު ރޯލެއްކަމަށާއި މިހާރު އެޝެޑިއުލްގެ ޝޫޓިންގްވެސް ފެށިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން ޢުމުރުން 21 އަހަރުގެ ޕަލަކް ބައިވެރިވާ ފުރުތަމަ ހިންދީ ފިލްމަށް މިފިލްމުވުމުގެ އިތުރުން މިއީ ޕަލަކް ބޮލީވުޑަށް ތަޢާރަފްވާނެ ފިލްމުވެސްމެއެވެ.
ޕަލަކް ފިލްމީ ދާއިރާއާއި ގުޅުމާބެހޭގޮތުން ދޭތެރެދޭތެރެއިން ޚަބަރުތައް ފެތުރެއެވެ. އެގޮތުން ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީކީ" ގެ ފަހުގެ ސީރީޒްއިންވެސް ޕަލަކް ފެންނާނެކަމަށް ގިނަމީހުންއައީ ބުނަމުންނެވެ. އެހެންނަމަވެސް ޝްވެތާވަނީ އޭރުވެސް އެޚަބަރުތައް ދޮގުކޮށްފައެވެ.
ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕަލަކްވަނީ މީގެކުރިން ތަފާތު އެކި މިއުޒިކް ވީޑިއޯތައް ކުޅެފައެވެ. އޭގެތެރެއިން އެންމެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ބިޖްލީ، ބިޖްލީ" މިލަވަ ފާހަގަކޮށްލެވެއެވެ. މިލަވަ ޕަލަކް ކުޅެފައިވަނީ ޕަންޖާބީ ލަވަކިޔުންތެރިޔާ ހާޑީ ސަންދޫއާއެކުގައެވެ.
ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސަރެއްގެ ރޯލް އަދާކުރާ މިފިލްމުގައި ޕަލަކްގެ އިތުރުން ދެން ފެނިގެންދާ މުހިއްމު ތަރިންގެތެރޭގައި، ބަތަލާ ޕޫޖާ ހެޖް،އެކްޓަރު ސިދާތް ނިގާމް، ރާގަވް ޖުޔަލް އަދި ސައުތް ސިނަމާގެ ތަރިންކަމަށްވާ ވެންކަޓޭޝް އަދި ޖަގަތުޕަތީ ހިމެނެއެވެ.
މިފިލްމަކީ، އިންޑިއާގެ އެކި ސަރަޙައްދުތަކުގެ ސަގާފަތް ދައްކުވައިދޭ ލޯބީގެ ފިލްމެއްކަމުން ބޮލީވުޑްގެ އިތުރުން އިންޑިއާގެ އެކި ސަރަޙައްދުތަކަށް ނިސްބަތްވާ ފިލްމީ ދާއިރާގެ އާޓިސްޓުން ފިލްމުނެ ފެނިގެންދާނެއެވެ.
ރިޕޯޓުތައް ބުނާގޮތުން މިފިލްމުގައި ހިމެނޭ އެކްޝަން ސީންތައް ކޮރިއަގްރާފްކުރުމަށް ހަމަޖެހިފައިވަނީ ފިލްމު "ބްރައްމަސްތުރާ" ގެ ސިނެމަޓޯގްރާފަރެވެ.
ފިލްމު "ކަބީ ޢީދު، ކަބީ ދިވާލީ" ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަނީ މިއަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައެވެ.