އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންއާއި ރާއްޖޭގެ މިއުޒިކީ ދާއިރާގެ އެންމެ ފުންނާބު އުސް ފަންނާނު އުނޫޝާ (ކިޑީ) އާއި އެކުގައި ކިޔާފައިވާ ލަވަ "ދިލް އުޅެޔާ" ރިލީޒްކުރުމާއެކު ގިނަ ބައެއްގެ މަގުބޫލުކަން މިލަވައަށް އަންނަނީ ލިބެމުންނެވެ.

މިދިޔަ ހުކުރު ދުވަހު ލަވަކިޔުންތެރިޔާ ޝާންގެ ޔޫޓިއުބްގައި ރިލީޒްކުރުމާއެކު ލަވަ ބަލާލާފައިވާ މީހުންގެ ޢަދަދު އެތައް މިލިއަނެއްވަނީ ފަހަނައަޅާފައެވެ.

އުނޫޝާއާއި ޝާންގެ އިތުރުން މިލަވައިގެ ވީޑިއޯއިން ދިވެހި މިއުޒިކީ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަންނާނުންތައް ފެނިގެންދެއެވެ. ދިވެހި މިއުޒިކް އާޓިސްޓުންނާއެކު ދިވެހި މޮޑެލުންވެސް ލަވައިގައި ހަރަކާތްތެރިވެއެވެ. މީގެއިތުރުން ލަވަ އުފެއްދުމުގައިވެސް ދިވެހި ފަންނާނުންވަނީ ބައިވެރިވެފައެވެ.

މިލަވައިގެ މައިގަނޑު ހިންދީ ބަހުން ކިޔާފައިވާއިރު ލަވައިގެ މެދުތެރެއިން ދިވެހި ރެޕް ބައެއްވެސް ހިމެނެއެވެ.

އުނޫޝާގެ އިތުރުން ޝާންގެ އަޑުން އިވިގެންދާ ދިވެހި ރެޕްބައިގެ ރިލިކްސް ތައްޔާރުކޮށްދީފައިވަނީ ދިވެހި ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އެވެ.

ކްރޮސްރޯޑްގައި ލަވައިގެ މަންޒަރުތައް ޝޫޓްކޮށްފައިވާއިރު މިލަވައިގެ މިއުޒިކްގެ ހިތްގައިމުކަން ގިނަ ބަޔަކުވަނީ ފާހަގަކޮށް ތައުރީފުކޮށްފައެވެ. އުއްމީދުކުރި ގޮތަށް ޝާންގެ މިފަހަރުގެ ލަވަވެސް އޭނާގެ ފޭނުންނަށް ރީތިވެފައި ކަމުދިޔަކަމަށް ގިނަބަޔަކުވަނީ ބުނެފައެވެ.

ރާއްޖޭގައި މިވަގުތުހުރި އެންމެ ކާމިޔާބު އަންހެން ލަވަކިޔުންތެރިޔާ، ކިޑީ ބުނެފައިވަނީ ޝާންއާއެކު މިފަދަ ފުރުޞަތެއް ލިބުމުން ވަރަށް އުފާވިކަމަށެވެ.

ޝާންގެ ޓީމުންވެސްވަނީ އުނޫޝާގެ އިތުރުން ދިވެހި ފަންނާނުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

https://www.youtube.com/watch?v=w4AdHHXIGXY