ސްޕްރިންޓް ކެޓަގަރީގެ 400 މީޓަރުގެ އަންހެނުންގެ ދުވުމުގެ އިވެންޓުގައި، އައިޝަތު ހިމްނާ ހަސަން އޭނާ ހަދާފައިވާ ގައުމީ ރެކޯޑް އައުކޮށްފިއެވެ.

ހިމްނާ މި ރެކޯޑް ހަދާފައިވަނީ ހޯމަ ދުވަހު ބޭއްވި ގައުމީ ޓީމް ސެލެކްޝަންގެ ޓައިމް ޓްރަޔަލްގައި 400 މީޓަރުގެ ދުވުން، 1.34 ސިކުންތު އަވަހަށް ނިންމައިގެންނެވެ.

އެެގޮތުން ޓީމް ސެލެކްޝަންގެ 400 މީޓަރު އިވެންޓުގެ ޓްރަޔަލްގައި ހިމްނާ ވަނީ 57.56 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ. މިއީ ހިމްނާ މި ރެކޯޑް އައުކުރި ހަތަރުވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އެންމެފުރަތަމަ ހިމްނާ 400 މީޓަރުގެ އަންހެނުންގެ ދުވުމުގެ ގައުމީ ރެކޯޑް ހަދާފައިވަނީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. ހިމްނާ މި ރެކޯޑް ހެދީ 59.76 ސިކުންތުންނެވެ. ހިމްނާ މުގުރާލީ 2010 ވަނަ އަހަރު ކޮމަންވެލްތު ގޭމްސްގައި މިރްފަތު އަހްމަދު، ހަދާފައިވާ ރެކޯޑެކެވެ. މިރްފަތު ރޭސް ނިންމާފައިވަނީ 1 މިނެޓާއި 30 ސިކުންތުންނެވެ.

އަދި އެއަށްފަހު 2019 ވަނަ އަހަރު އޮތް އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގައި ހިމްނާ ވަނީ އަމިއްލަ ރެކޯޑު އައުކޮށްފައެވެ. އެފަހަރު އޭނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ. މިއީ 2018 ވަނަ އަހަރު ހެދި ރެކޯޑަށްވުރެ 0.58 ސިކުންތުގެ ކުރިއެރުމެކެވެ.

ތިންވަނަ ފަހަރަށް ހިމްނާ ރެކޯޑު އައުކުރީ 58.90 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިރެކޯޑު ހިމްނާ ހަދާފައިވަނީ މިދިޔަ އަހަރު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. މިއީ އޭނާ 2019 ވަނަ އަހަރު ހެދި ރެކޯޑަށްވުރެ 0.28 ސިކުންތުގެ ކުރިއެރުމެކެވެ.

ހަތަރުވަނަ ފަހަރަށް ހިމްނާ ރެކޯޑް އައުކުރިއިރު، ހޯމަ ދުވަހު ހިމްނާ ރެކޯޑް އައުކޮށްފައި މިވަނީ، މިދިޔަ އަހަރު ކެންޔާގައި އޭނާ އައުކުރި ރެކޯޑަށްވުރެ 1.14 ސިކުންތުގެ ކުރިއެރުމަކާއި އެކުއެވެ.

ދާދި ފަހުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އެވޯޑްކުރި ޕެރިސް 2024 އޮލިމްޕިކްސް ސްކޮލަޝިޕް ހާސިލްކޮށްފައިވާ ހިމްނާ، އެންމެ ފަރިތަ އިވެންޓަކީވެސް 400 މީޓަރުގެ އިވެންޓެވެ. ހަތަރު ސަތޭކަ މީޓަރުގެ ޖޫނިއާ އަދި ޔޫތު ރެކޯޑް ވެސް އޮތީ ހިމްނާ އަތުގައެވެ.

ކުޅިވަރުގައި ފާހަަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ ކަލާސް އެވޯޑް ވެސް ހޯދާފައިވާ ހިމްނާ ވަނީ ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގެ އިވެންޓުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެއީ ދެކުނު އޭޝިއާގެ ބޮޑު ގޭމްސްއެއްގެ އިވެންޓެއްގެ ފައިނަލުން ހިމްނާ އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.