މާލޭ ވޯޓަރ އެންޑް ސުވަރޭޖޭ ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއި ވިލާ ކޮލެޖާ ދެމެދު އެކި ދާއިރާތަކުން ދިރާސާ ހެދުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު އެމް.ޑަބްލިއު.އެސް.ސީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކޮށްފައިވަނީ އެކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.

އެމް.ޑަބްލިއު.އެސް.ސީން ބުނީ މިފަހުމުނާމާގެ ދަށުން ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުން ދިނުމާއި، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީންތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ފަހުމުނާމާގެ ދަށުން އެމް.ޑަބްލިއު.އެސް.ސީ އާއި ގުޅުންހުރި ދާއިރާތައް ދިރާސާކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ވިލާ ކޮލެޖް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް ހޭލުންތެރިކޮށް އެކަމުގެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެމް.ޑަބްލިއު.އެސް.ސީން ބުނީ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ ތަރައްގީވެ، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، އިލްމީ ހޯދުންތައް ހޯދުމުގައި އައު ގޮތްތައް ތައާރަފްވެގެންދިއުމަށް އުންމީދު ކުރާ ކަމަށެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖާއި އެމް.ޑަބްލިއު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.