އައިޓީއެފް ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ ކޮލިފައިން މުބާރާތުގައި ރާއްޖޭގެ 12 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓެނިސް ޓީމުން ތާރީޚީ މޮޅެއް ހޯދައިފިއެވެ.

އެގޮތުން ޖޫނިއަރ ފިރިހެން ޓެނިސް ޓީމުން ބޫޓާންގެ މައްޗަށް ސީދާ ތިން ގޭމުން ކުރިހޯދިއިރު، މިއަދު ހޯދި މި މޮޅަކީ ތާރީހުގައިވެސް 12 އަހަރުން ދަށުގެ ކެޓަގަރީގައި ފިރިހެން ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅެވެ.

ބޫޓާން ބަލިކޮށް 12 އަހަރުން ދަށުގެ ފިރިހެން ޓީމުން ޓެނިހުގައި މި ތާރީޚީ މޮޅު ހޯދިއިރު، ހޯމަ ދުވަހު ފެށި ކޮލިފައިން މުބާރާތުގައި ފުރަތަމަ މެޗުން ޓީމު ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. ބަންގްލަދޭޝް އަތުން ޖޫނިއަރ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމަށް ދިވެހި ޓީމުން ނުކުތީ އިބްރާހިމް ޒަފަޔާން އެވެ. އެ ގޭމް އޭނާ ކާމިޔާބު ކުރީ 6-0 އަދި 6-1 ންނެވެ. ދެވަނަ ގޭމްގައި އާދަމް އާލް ނިޔާޒު މޮޅުވީ 6-1 އަދި 6-1 ންނެވެ. ޑަބަލްސް ގޭމްގައި އާލް އާއި މިކާ މުހައްމަދު ކަލީމްގެ ޕެއާ ކުރިހޯދީ 6-1 އަދި 6-2 އިންނެވެ.

މީގެއިތުރުން ރާއްޖޭގެ އަންހެން ޓީމު ވަނީ ފުރަތަމަ މެޗުގައި މުބާރާތުގެ ހޯސްޓު، ނޭޕާލްގެ މައްޗަށް ކުރިހޯދާފައެވެ. އެހެންނަމަވެސް ދެވަނަ މެޗުގައި ދެކުނު އޭޝިއާގެ ގަދަ ބާރު އިންޑިއާ އަތުން ރާއްޖޭގެ ޖޫނިއަރ އަންހެން ގައުމީ ޓީމު ވަނީ ސީދާ ތިން ގޭމުން ބަލިވެފައެވެ.

އަންހެން ޓީމުގެ ފުރަތަމަ ގޭމުގައި އިމާނީ މޫސާ ކަލީމް ބަލިވީ 6-0، 6-0 އިންނެވެ. ދެވަނަ ގޭމްގައި ނަބާ ނިޝާން ވެސް ބަލިވީ 6-2، 6-1 އިންނެވެ. ޑަބަލްސް ގޭމްގައި މަންހާ މުހައްމަދު އަލީ އާއި އިމާނީގެ ޕެއާ ކުޅުނު ގޭމުން ބަލިވީ 6-2 އަދި 6-1 އިންނެވެ.

އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރައުންޑް ރޮބިން އުސޫލުން ކުޅުމަށްފަހު އެންމެ ގަދަ ދެޓީ ދަ އައިޓީއެފް އޭޝިއާ މުބާރަތަށް ކޮލިފައި ވާނެއެވެ. މިދިޔަ އަހަރު ޕާކިސްތާންގައި ބޭއްވި ކޮލިފައިން މުބާރާތުގެ ތިންވަނަ ރާއްޖޭގެ އަންހެން ޓީމުން ވަނީ ހޯދާފައެވެ.