ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭއިރު މާސްކް އަޅަން މަޖުބޫރުކޮށްފައި އޮތްއޮތުން ސައުދީ އަރަބިއްޔާއިން އުވާލައި، އިތުރު ލުއިތައް ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސައުދީ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ނެރުނު އަމުރެއްގައެވެ.

ދާޚިލީ ވުޒާރާގެ އަމުރުގައި، މާސްކް އަޅައިގެން އުޅެން މަޖުބޫރު ކޮށްފައިވަނީ މައްކާގައި ހުންނަ މަސްޖިދުލް ހަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގައި އުޅޭއިރު އެކަންޏެވެ.

މިދެ މިސްކިތުގެ އިތުރުން، މާސްކް އަޅައިގެން އުޅެންޖެހޭނީ ސައުދީ އަރަބިއްޔާގެ ޕަބްލިކް ހެލްތު އޮތޯރިޓީން މާސްކް އަޅައިގެން އުޅުމަށް އިރުޝާދު ދީފައިވާ ތަންތަނުގައި އެކަނި ކަމަށްވެސް އަމުރުގައި ވެއެވެ.

މީގެއިތުރުން، އެކިއެކި ޚިދުމަތްދޭ ތަންތަނާއި، ހަރަކާތްތައް ބާއްވާ ފަރާތްތަކާއި، އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ ތަންތަނުން ރައްކާތެރި ފިޔަވަޅެއްގެގޮތުން އެތަންތަނަށް ވަންނަ އަދި ޚިދުމަތް ހޯދާ މީހުން މާސްކް އަޅުވަން ބޭނުންވާނަމަ އެކަން ކުރަން އެންގިދާނެ ކަމަށްވެސް ދާޚިލީ ވުޒާރާގެ އަމުރުގައި ވެއެވެ.

މާސްކްގެ އިތުރުން، ބައެއް ތަންތަނަށް ވަންނައިރު، ވެކްސިން ޖަހާފައިވާ ކަމުގެ ހެކި، ތަވައްކަލްނާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދައްކަންޖެހޭ ގޮތަށް އޮންނަ އޮތުންވެސް ސައުދީ ސަރުކާރުންވަނީ އުވާލާފައެވެ.

ހަމަ އެއާއެކު، ބޭރު ގައުމުތަކުން ހައްޖަށް އަންނަ މީހުން ބޫސްޓަރ ޑޯޒް ޖެހިތާ 3 ވެފައިވާންޖެހޭ ކަމަށް ކުރިން ކަނޑައެޅި މުއްދަތު، އައު އަމުރުގައިވަނީ 6 މަހަށް ބަދަލުކޮށްފައެވެ.

މާސްކް އެޅުމާއި، އެނޫންވެސް ފިޔަވަޅުތަކަށް ސައުދީން ލުއިތައް މިދިނީ، ދެމަސްދުވަހަށްފަހު ސައުދީ އަރަބިއްޔާގައި ކޮވިޑްގެ ކޭސްތައް އެއްހާހުން މައްޗަށް އަރާފައި ވުމާވެސް އެކުގައެވެ.

ސައުދީ އަރަބިއްޔާއިން މިހާރު ތައްޔާރުވަމުންދަނީ މިއަހަރުގެ ހައްޖުގެ އަޅުކަމަށެވެ.

ޖުލައި ކުރީކޮޅު ހައްޖުގެ އަޅުކަމަށް ފެށޭއިރު، ދެއަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ބޭރުން، އެހެން ގައުމުތަކުގެ މީހުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް އެއްމިލިއަން މީހުންނަށް ފުރުސަތު ހުޅުވާލާފައިވާއިރު، ސައުދީ ފިޔަވައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 850،000 މީހުން ހައްޖަށް ދިއުމަށް ހަމަޖެހިފައި ވެއެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެހެން ގައުމުތަކުގެ މީހުން މިމަހުގެ ކުރީކޮޅުން ފެށިގެން ސައުދީ އަރަބިއްޔާއަށް ދާން ފަށާފައި ވާއިރު، ސައުދީ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ފިޔަވަޅުތަކަށް ލުއިތައް ދިނީ، ކޮވިޑްގެ ބަލީގެ ހާލަތުގެ ރިޕޯޓްތަކަށާއި، އެކްސްޕާޓުންނާއި، ސިއްހީ އިދާރާތަކުގެ ލަފަޔާއި އިރުޝާދުތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.