އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިިކޭޝަންގައި ކުޅުނު ފަހު މެޗުގައި އަވަށްޓެރި ސްރީ ލަންކާގެ މައްޗަށް ހޯދި މޮޅާއެކު، ރާއްޖެއިން ގްރޫޕް ސީގެ ތިންވަނަ ޓީމުގެ ގޮތުގައި ކޮލިފިކޭޝަން ނިންމާލައިފިއެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅުނީ ތައިލެންޑާއި ދެކޮޅަށެވެ. މިމެޗުން 0-3 ގެ ނަތީޖާއަކުން ތައިލެންޑު އަތުން ރާއްޖެ ބަލިވިއިރު، ދެވަނަ މެޗުގައި މި ގުރޫޕުގެ މެޗުުތައް ހޯސްޓުކުރާ އުޒްބެކިސްތާން އަތުން ރާއްޖެ ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ.

މީގެއިތުރުން ލަންކާވެސް މީގެކުރިން ކޮލިފިކޭޝަނުގައި ދެމެޗެއް ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އުޒްބެކިސްތާނު އަތުންވަނީ 0-3 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި ތައިލެންޑް އަތުން ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެއެވެ. މި ގުރޫޕުން އެއްވަނަ ލިބޭނީ މިރޭ 20:30 ގައި ތައިލެންޑާއި އުޒްބެކިސްތާން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. މިދެޓީމުން މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާއިރު މިވަގުތު އުޒްބެކިސްތާނަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މެޗާއި ކުރިމަތިލިއިރުވެސް ރާއްޖެ އާއި ލަންކާއަށް ފުރުސަތު ގެއްލިފައިވުމުން މާބޮޑު ޕްރެޝަރެެއް ދެޓީމުންކުރެ ޓީމަކަށް ނެތެވެ. އެހެންނަމަވެސް މި ދެޓީމަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ފުޓުބޯޅައިގައި ވާދަވެރި ދެޓީމުކަމަށްވުމުން، މެޗުން މޮޅެއް ހޯދުމަކީ ދެޓީމުގެ ސަޕޯޓަރުންނަށްވެސް މުހިންމު ކަމަކަށްވާނެތީ، އެކަމުގެ ޕްރެޝަރު ކުޅުންތެރިންނާއި ކޯޗުންނަށްވެސް އޮތެވެ. އަދި ގުރޫޕުގެ ފުލުން ސަލާމަތްވުމަށްވެސް މެޗުން މޮޅުވުން ރާއްޖެއަށް މަޖުބޫރުވާނެތީ އެކަމުގެ ޕްރެޝަރވެސް ރާއްޖޭގެ ޓީމަށް އޮތެވެ.

މެޗުގައި ރާއްޖެ ޓީމުން ނުކުތީ އާންމުކޮށް ނުކުންނަ ފޯމެޝަނަށް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން މިމެޗުގައި ރާއްޖެ ޓީމުން ވަނީ ފަސް ޑިފެންޑަރުން ބޭނުންކޮށްފައެވެ. މި ބަދަލާއެކުވެސް ރާއްޖެއިން މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެން މަސައްކަތް ކުރަމުންދިޔަތަން ފެނުނުއިރު، އެޔާ ހިލާފަށް ލަންކާ ޓީމު ފެނުނީ ވަގުތު ބޭކާރުކުރަން މަސައްކަތްކުރި ތަނެވެ. އެއީ މެޗުން ބަލިވެގެން ނޫނީ އެޓީމަށް ގެއްލޭނެ އެއްޗެއް ނެތީމައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަދި މި ކޮލިފިކޭޝަނުގައި ރާއްޖެއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު، ދެވަނަ ހާފުގައި މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މިމެޗުން ލަންކާ އަތުން ރާއްޖެ މޮޅުވިއިރު މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރުގެ ފަހުކޮޅު ހަވާލުވިފަހުން މޮރިއެރޯގެ އިރުޝާދުގެ ދަށުން ރާއްޖެއިން މޮޅުވި ދެވަނަ މެޗެވެ.

މޮރިއެރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ވަނީ ހަތް މެޗު ކުޅެފައެވެ. ލަންކާ އަތުން މިއަދު ހޯދި މޮޅުގެ އިތުރުން ދެން މޮރިއެރޯގެ އިރުޝާދުގެ ދަށުން ރާއްޖެ މޮޅުވެފައިވަނީ މިއަހަރުގެ މާޗު މަހުގެ 24 ވަނަ ދުވަހު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ބަންގްލަދޭޝް އަތުން އެކަންޏެވެ. އެއީ މޮރިއެރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

މޮރިއެރޯގެ އިރުޝާދުގެ ދަށުން ކުޅުނު 7 މެޗުގެ ތެރެއިން ދެމެޗުން ރާއްޖެ މޮޅުވެފައިވާއިރު، ދެމެޗުން އެއްވަރުވެފައިވެސްވެއެވެ. އަދި ތިން މެޗުން ބަލިވެސް ވެފައިވެއެވެ. އެއީ ކުރިއަށް މިދާ ކޮލިފިކޭޝަންގެ މެޗުތަކުގެ ތެރެއިން ތައިލެންޑާއި އުޒްބެކިސްތާން އަތުންވީ ބައްޔާއި ލަންކާގައި ކުރިއަށްދިޔަ ފޯނޭޝަންސް ކަޕުގެ ތެރެއިން ބަންގްލަދޭޝް އަތުންވީ ބައްޔެވެ.

މިއީ ފާއިތުވި 18 އަހަރު ތެރޭގައި ސީނިއާ ފުޓްބޯޅައިގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަންގްލަދޭޝްގެ ޒުވާން ޓީމު ސައުތު އޭޝިއަން ގޭމްސްގެ މެޗެއްގައި ޕެނަލްޓީ ޖަހައިގެން މޮޅުވެފައިވެއެވެ.