ސައުތު އޭޝިއާ ބައްރުގެ ފުޓުބޯޅަ ޗެމްޕިއަން އިންޑިއާ އިން، އަންނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އިންޑިއާ އިން މުބާރާތުގެ ޖާގަ ކަށަވަރުކުރިއިރު، އެޓީމަށް ބާކީ އެއްމެޗު އެބައޮތެވެ. މިހާތަނަށް އިންޑިއާ އިން ކޮލިފިކޭޝަންގައި ދެމެޗު ކުޅެފައިވާއިރު މި ދެމެޗުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ވަނީ ކެމްބޯޑިއާ އަތުން 0-2 އިން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ވަނީ އަފްޣާނިސްތާން އަތުން 1-2 އިން މޮޅުވެފައެވެ.

އިންޑިއާ އަށް ބާކީ އޮތީ ހޮންކޮންގް އާއި ދެކޮޅަށް މިރޭ 20:00 ގައި ކުޅޭ މެޗެވެ. މިމެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އިންޑިއާ އަށް މުބާރާތުން ފުރުސަތު ލިބޭނެއެވެ. އެހެންނަމަވެސް މި ހަތަރު ޓީމު ނިސްބަތްވާ ގްރޫޕް ޑީގެ އެއްވަނަ މަގާމު ލިބޭނީ މިރޭ މެޗުން މޮޅުވާ ޓީމަކަށެވެ. މެޗު އެއްވަރު ކޮށްލައިގެން ފައިދާ ގޯލުގެ ތަފާތުން ހޮންކޮންގ އަށް އެއްވަނަ ލިބޭނެއެވެ.

ބާކީ އެއްމެޗު އޮއްވާ އިންޑިއާ އަށް މުބާރާތުގެ ޖާގައެއް ކަށަވަރުވީ، ގްރޫޕް ބީގައި ފަލަސްޠީނުން ފިލިޕީންސްގެ މައްޗަށް ކުރިހޯދުމުންނެވެ. ގްރޫޕް ބީގެ އެއްވަނައިގައި 3 މެޗުން 9 ޕޮއިންޓު ހޯދައިގެން ފަލަސްޠީން އޮތްއިރު ދެވަނައިގައި ފިލިޕީންސް އޮތީ 3 މެޗުން 4 ޕޮއިންޓާއެކުއެވެ.

ގްރޫޕް އޭގެ އެއްވަނައިގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެން ޖޯޑަން އޮތްއިރު ދެވަނައިގައި އިންޑޮނީޝިއާ އޮތީ ދެމެޗުން ތިން ޕޮއިންޓާއެކުއެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ އެއްވަނަ އަދި ދެވަނަ ލިބެނީ އުޒްބެކިސްތާނާއި ތައިލެންޑަށެވެ. މި ދެޓީމުގެ ކުރިމަތިލުން މިރޭ 20:30 ގައި ފަށާނެއެވެ.

ދެން ހުރި ގުރޫޕުތަކުގެ އެއްވަނަ އަދި ދެވަނަ ޓީމުވެސް ވަނީ މަދުވެގެން 6 ޕޮއިންޓު ހޯދާފައެވެ.

އޭޝިއަން ކަޕަށް ކޮލިފައިވާނީ، ކޮލިފިކޭޝަންގެ ހަ ގްރޫޕުގެ އެއް ވަަނަ ޓީމާއި ހަ ގްރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށެވެ. ފަލަސްޠީން އަތުން ފިލިޕީންސް ބަލިވުމާއެކު މިހާތަނަށް ދެމެޗުން 6 ޕޮއިންޓު ހޯދާފައިވާ އިންޑިއާ ވަނީ އޭޝިއަން ކަޕަށް ކޮލިފައިވެފައެވެ.

މިއީ ތާރީޚުގައިވެސް އެޓީމު މި މުބާރާތަށް ކޮލިފައިވި 5 ވަނަ ފަހަރެވެ. އަދި މިއީ ތާރީހުގައި، ޖެހިޖެހިގެން ދެފަހަރަށް މި މުބާރާތަށް އިންޑިއާ ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެންމެފަހުގެ އޭޝިއަން ކަޕުގައިވެސް އިންޑިއާ ވަނީ ކުޅެފައެވެ.