އއ. އުކުޅަހުގައި ބާވަން ތާވަލުކޮށްފައިވާ ވެސްޓާން އޭޝިއަން ޔޫތު ޗެސް ފެސްޓިވަލްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމަށްޓަކައި އެކަމުގެ އެއްވަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި ވަހަކަދަަށްކަމުން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ، ބްރޭންޑު ނައިޔާ ޝަރީފް ވިދާޅުވީ އެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ވުމަކީ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ އެތްލީޓުން އެފަދަ ބޮޑު މުބާރާތެއްގައި ގައުމު ތަމްސީލުކުރާތީ ފަޙުރުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސެއިން ޝިޔާން ވިދާޅުވީ ދިރާގުން ކުޅިވަރުގެ ކަންކަމުގައި އަދި މި ފެސްޓިވަލް އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމުމާއި ގުޅިގެން އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ.
މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ އެ މުބާރާތުގައި ވާދަވެރި ލައިންއަޕަކާއެކު ކުޅުންތެރިން ވާދަކުރާނީ ތިން ފޯމެޓެއްގައެވެ. އެއީ ރެޕިޑް ޗެސް، ބީޗް ބްލިޓްސް ޗެސް އަދި ކްލާސިކް ޗެސްއެވެ.
ރާއްޖެއާއި ސްރީލަންކާއާއި ނޭޕާލާއި ބަންގްލަދޭޝްއާއި އިންޑިއާއާއި ޕާކިސްތާނާއި އުޒްބެކިސްތާނާއި ކިރްގިސްތާނާއި ކަޒަކިސްތާނުގެ އެތުލީޓުން ވާދަކުރާ މި މުބާރާތަކީ މި ސަރަހައްދުގެ ޖޫނިއާ އެތުލީޓުންނަށް އެންމެ ވާދަވެރި އެއް ޗެސް މުބާރާތެވެ.