ކުޅިވަރުގެ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހެޅި ބިލު ފާސްނުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.

ކުޅިވަރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ތަކުގެ ތެރޭގައި ރަށްރަށުގެ ކުޅިވަރު ބިންތަކާއި ކުޅިވަރު ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އަނެއްކާވެސް މަތިކުރަނީ މައި ސަރުކާރު އޮތް ފުރަމާލޭގައި އެކުލަވާލެވިފައިވާ "ސްޕޯޓްސް ކޯޕަރޭޝަން" އަށެވެ. ކުޅިވަރު ގާނޫނަށް ހަސަން ލަތީފް ހުށައެޅުއްވި އިސްލާޙުތަކުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަންގެ ދައުުރު ބޮޑުކޮށް، ކުޅިވަރު ބިންތަށް އެކޯޕަރޭޝަން ދަށަށް ބަދަލުކޮށް، ވިޔަފާރި އުސޫލުން އެބިންތައް ހިންގުން ހިމެނެއެވެ.

ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެ ފުށްފެންނަ އިންތިހާބަކަށް ހަދައި އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން އިންތިހާބު ފަދަ މުހިންމުކަން ކުރިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސަން ޖެހޭ ކަމަށްވެސް މެމްބަރު ހުށަހެޅުއްވި ބިލުގައިވެއެވެ.

ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެންނަން ނުފެންނަ ކަމަށް 35 މެމްބަރުން ވޯޓު ދެއްވިިއިރު 18 މެމްބަރަކު ވަނީ އިސްލާހު ގެންނަން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

މި ބިލު ހުށަހެޅުއްވިއިރު ހަސަން ލަތީފް ވިދާޅުވެފައިވަނީ ކުޅިވަރު ބިންތަކުން ފައިސާ ހޯދައިގެން ހިންގަން ޖެހޭ ކަމަށާއި، އަދި ސަރުކާރަށް ބުރަނުވާގޮތަށް އެސޯސިއޭޝަންތައް ހިންގަން ފެށުމުން، ކުޅިވަރުވެސް އިތުރަށް ތަރައްގީވެ، އެސޯސިއޭޝަންތަކުގެ ހިންގުންވެސް ހަރުދަނާވެގެންދާނެ ކަމަށެވެ.

އަދި ޤާނޫނަށް ހުށަހެޅުއްވާފައިވާ އިސްލާހުތަކާއިމެދު ރާއްޖޭގެ ކުޅިވަރު ހުރިހާ އެސޯސިއޭޝަނަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިއިން އެއްވެސް އެސޯސިއޭޝަނަކާއި މަޝްވަރާކޮށް ބައްދަލުކޮށްފައި ނުވާއިރު، ހަަސަން ވަނީ ސްޕޯޓްސް ކޯޕަރޭޝަނާއި ބައްދަލުކޮށް މި އިސްލާހުތަކުގެ މަޝްވަރާވެސް ކުރައްވާފައެވެ.