ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްޤީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުސަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ދިވެހިރާއްޖޭގައި އެ ކުޅިވަރެއް ތަރައްޤީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.

ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ނުވަ ގައުމަކުން 8 އަހަރާ 18 އަހަރާ ދެމެދު 160 ރާޒުވާ ކުޅުންތެރިން ބައިވެރިވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ފުރުމަށް ހަމަޖެހިފައިވާއިރު އުކުޅަހުން ވެސް ރާޒުވާކުޅޭ 30 ދިވެހި ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މިމުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖަރޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.