ބުލްޑޯޒަރުތައް ނެރެގެން މުސްލިމުންގެ ގެދޮރާއި، ވިޔަފާރިތައް ހަލަކުކޮށް ސުންނާފަތި ކުރަމުންދާތީ، އިންޑިއާގެ އެތައް ސިޓީއެއްގެ މަގުތަކަށް މުސްލިމުން ނުކުމެ މިއަދު އިހުތިޖަޖުކޮށް ހަޅުތާލު ކޮށްފިއެވެ.
މަގުތަކަށް ނުކުތް މުސްލިމުންވަނީ، އިންޑިއާ ސަރުކާރުން މުސްލިމުންނާމެދު ހިންގާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށްފައެވެ. ބުލްޑޯޒަރުތައް ނެރެގެން ގެދޮރާއި ވިޔަފާރިތައް ހަލާކުކުރުމަކީ ސީދާ މުސްލިމުންނަށް އަދަބު ދިނުމުގެގޮތުން ރާވައިގެން ހިންގާ ކަމެއް ކަމަށްވެސް ބުނެއެވެ.
ބުލްޑޯޒަރުތައް ނެރެގެން މުސްލިމުންގެ ގެދޮރާއި، ވިޔަފާރިތައް ސުންނާފަތިކޮށް ބިމާއި ހަމަކުރަން ފަށާފައިވަނީ އިންޑިއާގެ އުތުރުގެ އުއްތަރް ޕްރަދޭޝް ސަރުކާރުން،، އެ ސްޓޭޓުގެ ތިން ސިޓީއެއްގައި މިކަން ދަނީ ހިނގަމުންނެވެ.
އެގޮތުން، ހަލާކުކުރަން ފަށާފައިވަނީ، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަން މަގުތަކަށް ނުކުތް މީހުންގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ މުސްލިމުންގެ ގެދޮރާއި ވިޔަފާރިތަކެވެ.
މުޒާހަރާތަކާ ގުޅިގެން 300 އެއްހާ މީހުން ހައްޔަރު ކޮށްފައިވާއިރު، ޖަރްޚަންދް ސްޓޭޓްގެ ވެރިރަށް ރާންޗީގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާކުރި މީހުންގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން ދެ ޒުވާނުންވަނީ މަރުވެފައެވެ.
މުސްލިމުންގެ ގެދޮރު ހަލާކުކުރާ މައްސަލާގައި އިންޑިއާގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންނާއި، ފުންނާބުއުސް ގާނޫނީ ވަކީލުންގެ 12 ބޭފުޅަކުވަނީ އިންޑިއާގެ ޗީފް ޖަސްޓިސްއަށް ސިޓީއެއް ފޮނުވައި، މިމައްސަލަ ވަގުތުން ބަލަން ފެށުމަށް ގޮވާލައްވާފައެވެ.
ގެދޮރު ހަލާކުކުރުމަކީ ގާނޫނުއަސާސީއާ ޚިލާފް، ޣައިރުގާނޫނީ ކަމެއް ކަމަށްވެސް އެބޭފުޅުންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އުއްތަރް ޕްރަދޭޝްގެ ސަރުކާރުން ހިންގާ އަމަލަކީ، އެމީހުންނާ ދެކޮޅު ޚިޔާލުގެ މީހުންނާއި، މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގުން ކަމަށް ބުނެ ގާނޫނީ ވަކީލުންގެ ސިޓީގައި އިއްތަރް ޕްރަދޭޝްގެ ސަރުކާރު ކުށްވެރި ކޮށްފައިވެއެވެ.
ހިންދޫ ނޭޝަނަލިސްޓް ޕޮލިޓިކްސްގެ ސްޕޝަލިސްޓް އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބަޔޮގްރަފަރ ނިލަންޖަންވެސް ވިދާޅުވީ، ގެދޮރު ހަލާކުކުރުމަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާއި، އަދުލުއިންސާފުގެ އުސޫލުތަކާ ޚިލާފް އަމަލެއް ކަމަށެވެ.
އުއްތަދް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަމުގައި މިހާރު ހުންނެވީ މިހާރު ސިޔާސީ ލީޑަރަކަށް ވެފައިވާ ހިންދޫންގެ ހަރުކަށި ހާމުދުރެއް ކަމަށްވާ ޔޯގީ އަދިތިޔަނާތެވެ. އޭނާގެ އޮފީހުން ބުނެފައިވަނީ، ދެކޮޅުވެރި އަމަލުތައް ހިންގާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ނުރުހުން ފާޅުކުރަން މަގުތަކަށް ނުކުންނަ މުސްލިމުންގެ ގައިގައި ތަޅައި ފުލުހުން ބޮޑެތި އަނިޔާތަކެއް ކުރަމުންދާއިރު، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ބުނެފައިވަނީ، މުސްލިމަކު ދެކޮޅުވެރި ބަހެއް ބުންޏަސް ހިފައި ހައްޔަރުކޮށް އަނިޔާކުރަމުންދާ ކަމަށެވެ.
އިންޑިއާގެ ވެރިކަމަށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ 2014 ވަނަ އައިފަހުން އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަޖެހުންތައް އިތުރުވެފައިވެއެވެ.
މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވަމުންދާ ކަމަށް ބައިނަލްއަގްވާމީ ރިޕޯޓްތަކުން ހާމަވި ނަމަވެސް، މިކަންކަމަކާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީ ހުންނެވީ ހަނުއެވެ.
މިގައުމުގަ ތިކަމާ އެއްޗެއް ބުނެފިއްޔާ އެމީހެއްގެ ޒިންދަގީ ދިޔައީ