އެކްޓަރު އަދިތްޔާ ރޮއި ކަޕޫރުގެ ކުރިޔަށްއޮތް ފިލްމު "އޯމް-ދަ ބެޓްލް ވިތްއިން"ގެ ޓްރެއިލާ ރިލީޒްވުމާއެކު އަދިތްޔާ ފިލްމުގައި ފެނިގެންދާގޮތް ވަރަށް ތަފާތުކަމަށް އޭނާގެ ފޭނުން އަންނަނީ ބުނަމުންނެވެ.
2013 ވަނަ އަހަރު ރިލީޒްވި ލޯބީގެ ފިލްމު "އާޝިޤީ" އަށްފަހު އޭނާ މަޝްހޫރު ވެފައިވަނީ ބޮޑަށް ލޯބީގެ ރޯލްތައް ކުޅުމަށެވެ.
ނަމަވެސް އޭނާގެ ފުރަތަމަ އެކްޝަން ފިލްމު "މަލަންގް" އަށްފަހު އަދިތްޔާގެ މިރޯލްވެސް އޭނާގެ ފޭނުންނަށްވަނީ ވަރަށް ކަމުގޮސްފައެވެ.
2020 ވަނަ އަހަރު ރިލީޒްވި ފިލްމު "މަލަންގް" އަކީ ގިނަ ބައެއްގެ ތަރުޙީބު ލިބިގެންދިޔަ ކާމިޔާބު ފިލްމެކެވެ.
"އޯމް- ދަ ބެޓްލް ވިތްއިން" ގެ ނަން މިހާރު "ރާޝްތްރާ ކަވަޗް އޯމް" ގެ ނަމަށް މިހާރު ބަދަލުކޮށްފައި ވާކަމަށް ރިޕޯޓުތައް ބުނާއިރު މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ.
ވަރުގަދަ އެކްޝަން ސީންތަކެއް އެކުލެވޭ މިފިލްމުގައި އަދިތްޔާގެ އިތުރުން ފެނިގެންދަނީވެސް ވަރަށް ވަރުގަދަ ފިލްމީ ތަރިންނެވެ.
ބަތަލާގެ ރޯލްއިން ޒުވާން ބަތަލާ ސަންޖްނާ ސާންގީ ފެންނައިރު އަދިތްޔާގެ ބައްޕަގެ ރޯލްއިން ފެނިގެންދަނީ އެކްޓަރު ޖެކީ ޝްރޮފްއެވެ.
މީގެއިތުރުން ނުބައި ނުބައި ރޯލްތަކުން އާއްމުކޮށް ފެންނަ ކުޅަދާނަ އެކްޓަރު އާޝުތޯޝް ރާނާ އަދި ޕްރަކާޝް ރާޖް ފިލްމުގެ ވަރަށް މުހިއްމު ރޯލްއަކުން ފެނިގެންދާނެއެވެ.
އަޙްމަދު ޚާން އާއި ޝާއިރާ ޚާން ޕްރޮޑިއުސް ކޮށްފައިވާ މިފިލްމު ގެނެސްދެނީ ޒީ ސްޓޫޑިއޯއާއި ގުޅިގެންނެވެ.
ފިލްމުގެ ޓްރެއިލާ މިހާރު ޔޫޓިއުބުން ބެލޭއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް ފިލްމުގެ ޓްރެއިލަ އާއްމުންނަށް ބެލޭނެއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި މިފިލްމުގެ ޕްރޮމޯޝަން އިވެންޓްތައް ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދަން ފިލްމުގެ ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.
ފިލްމު "އޯމް"ގެ އިތުރުން އަދިތްޔަ މިހާރުވެސް ގެންދަނީ އިތުރު 2 ފިލްމީ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. އެއީ "ގުމްރާހް" ނަމަކަށްކިޔާ ފިލްމަކާއި "ނައިޓް މެނޭޖަރ" ނަމަކަށްކިޔާ މިނީ ޓީވީ ސިލްސިލާއެކެވެ.