ހަންގޭރީގައި ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ފަށާ ސްވިމިންގ ވޯލްޑް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން، ހަމްނާ އަހުމަދާއި އައިޝަތު ސައުސަން، މުބާލް އައްޒާމް އިބްރާހިމް އަދި މުހައްމަދު އާން ހުސެއިން މުބާރާތުގައި ވާދަކުރުމަށް ފުރައިފިއެވެ.

ހޮނިހިރު ދުވަހު ހަންގޭރީގެ ބުޑަޕެސްޓުގައި ފަށާ މި މުބާރާތް އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މުބާރާތުގައި މި ހަތަރު ފެތުންތެރިންނަށް ރާއްޖެ ތަމްސީލުކުރުމުގެ ޝަރަފު ދީފައިވަނީ، ކުޅުންތެރިން ހޮވުމަށްޓަކައި ބޭއްވި ޓްރަޔަލް އަކަށްފަހު އެންމެ ރަނގަޅު ފެތުންތެރިންނަށް ވުމުންނެވެ.

މި ފެތުންތެރިންނަކީ މީގެކުރިންވެސް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް، ކުރިއެރުންތަކެއް ހޯދާފައިވާ ފެތުންތެރިންތަކެކެވެ. މުބާރާތުގައި ވާދަކުރުމަށް މި ހަތަރު ފެތުންތެރިން ހަންގޭރީއަށް ފުރިއިރު މިއީ، ކުރިއަށް އޮތް ބައިނަލްއަގްވާމީ ދެ ގޭމްސް އަށް ތައްޔާރުވުމަށް މި ފެތުންތެރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ސްވިމިންގ ޓީމުގައި ހަންގޭރީގައި ކުރިއަށްދާ މުބާރާތުގައި ހިމެނޭ ތިން ފެތުންތެރިއަކު ހިމެނެއެވެ. އެއީ ސައުސަން އާއި ހަމްނާގެ އިތުރުން އާން އެވެ. ދެން އެފަހަރުގެ ސްވިމިންގ ސްކޮޑުގައި ހިމެނުނީ އިމްޢާން އެވެ. މިިދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވަނީ ނުވަ ގައުމީ ރެކޯޑެއް އައު ކޮށްފައެވެ. މީގެ ތެރެއިން ހަމްނާ ވަނީ 15 އަހަރުވީ ރެކޯޑެއް މުގުރާލލާފައެވެ. ހަމްނާ، މުގުރާލި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ އާމިނަތު ރޫޔާ ހުސައިން އަތުގައެވެ. އެއީ މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި ރޫޔާ ހެދި ރެކޯޑެކެވެ.

މި ފަހަރު ގައުމީ ސްކޮޑުގައި ހިމެނި ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ސައުސަން އަކީ ތަޖުރިބާކާރު ފެތުންތެރިއެކެވެ. އޭނާ ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލް ކޮށްފައެވެ. އެންމެ ފަހުން ވާދަކުރި ފަހަރުތަކުގައި ވެސް ސައުޝަންގެ ޓައިމިން ތަކަށް ވަނީ ކުރިއެރުންތަކެއް ލިބިފައެވެ.

ރާއްޖެ ތަމްސީލް ކުރާ ފެތުންތެރިންގެ ކޯޗެއްގެ ގޮތުގައި ހަންގޭރީ އަށްދާނީ އާދަމް މުހައްމަދު އެވެ. ޓީމު ފުރާފައިވަނީ ބުދަ ދުވަހުގެރެއެވެ.