އަލަށް އާބާދުވަމުން އަންނަ ހުޅުމާލޭ އުތުރު އަވަށުގެ އިތުރު ދެ މަންޒިލަކަށް ބަސް ދަތުރުތައް މިއަދު ފަށައިފިއެވެ.

މީގެކުރިން، ހުޅުމާލޭ އުތުރު އަވަށުން ބަސް ދަތުރުތައް އޮންނަނީ، ގަޑިއިރަކު އެއްފަހަރު މާލޭގެ ވެސްޓް ޕާކު ސަރަހައްދަށް އެކަންޏެވެ. ނަމަވެސް އާ ބަސްތަކެއް ގެނެސް މި ޚިދުމަތައްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެއްފަަހަރު ދަތުރުތައް ފެށުމަށެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން ހުޅުމާލޭ އުތުރު އަވަށުން ސީދާ ދަތުރުތައް ޖުމުލަ ތިން މަންޒިލަކަށް ކުރާނެއެވެ. އެ ތިން މަންޒިލަކީ މާލޭގެ ވެސްޓް ޕާކް ސަރަހައްދުގެ ބަސް ޓާމިނަލާއި، ކާނިވާ ސަރަހައްދު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.

މި ބަދަލާއެކު މާލޭ ސަރަހައްދުގައި މިހާރު ބަހުގެ ހިދުމަތް ދޭ ހަ ރޫޓަށް ދެ ރޫޓެއް އެއްވެ، ޖުމުލަ އަށް ރޫޓަށް އަރާނެއެވެ. އާ 15 ބަހާއެކު މާލެ ސަރަހައްދުގައި އެ ކުންފުނިން ދުއްވާ ބަހުގެ އަދަދު ވެސް ވަނީ 46 އަށް އަރާފައެވެ.

އެމްޓީސީސީން އިތުރު 15 ބަސް ގެނެސް ހިދުމަތްތައް ދޭން ފެށުމަށް ރޭ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، ބަހުގެ ހިދުމަތް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އައްޑޫ އާއި ފުވައްމުލައް އަދި ލ. އަތޮޅުގެ ބަހުގެ ހިދުމަތް މިހާރަށް ވުރެ ރަނގަޅު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އަންނަ މަހު އެ އަތޮޅުތަކަށް އާ ބަސްތައް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއަތޮޅުތަކަކީ މިހާރު ވެސް އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދެމުން އަންނަ އަތޮޅުތަކެވެ