އެކްޓަރު ރަންބީރް ކަޕޫރާއި ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ފިލްމު "ބްރައްމަސްތްރާ" ގެ ޓްރެއިލާ އިއްޔެ އާއްމުކޮށްފިއެވެ.

ތަފާތު އެކި ސަބަބުތަކާއިހެދި މިފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި މިހާތަނަށް އެކިފަހަރުމަތީންވަނީ ވަރަށްބޮޑަށް ލަސްވެ ދިގުލައިގެން ގޮސްފައެވެ.

ގިނަ ބަޔަކު ފިލްމު ބަލަން ކެތްމަދުވެފައިވާ އެއް ސަބަބަކީ ފިލްމަކީ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމަކަށްވެފައި މިއީ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމަކަށްވުމެވެ.

ހަމައެއާއެކު ދާދިފަހުން ކައިވެނީގެ ގޮށްޖަހާފައިވާ 2 ތަރިންކަމަށްވާ ރަންބީރު ކަޕޫރު އަދި ބަތަލާ އާލިއާ ބަޓް ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާ ފިލްމަށް މިފިލްމުވެފައި ވުމީވެސް ގިނަބަޔަކު ފިލްމު ބަލަން ޝައުގުވެރިވާ އެންމެބޮޑު އެއް ސަބަބެވެ.

އެކްޓަރު ރަންބީރު ކަޕޫރު އެންމެ ފަހުން ފެނިފައިވާ ފިލްމު "ސަންޖޫ" އަށްފަހު އޭނާ ފިލްމު "ބްރައްމަސްތްރާ" އާއެކީ އަލުން އެނބުރި ސްކްރީނުން ފެނިގެން މިދަނީ 4 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ޚިޔާލީ ދުނިޔެއެއްގެ އެޑްވެންޗަރަސް ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ މިފިލްމުގައި ހިމެނޭ ކާސްޓުންގެ ތެރޭގައި އެކްޓަރު ރަންބީރުއާއި ބަތަލާ އާލިއާގެ އިތުރުން މެގަ ސްޓަރ އަމީތާބް ބައްޗަންއާއި ތަމަޅަ އެކްޓަރު ނާގަރްޖުނާ އަދި ކާމިޔާބު ޓީވީ ބަތަލާ މޯނީ ރޯއިވެސް ހިމެނެއެވެ.

މީގެއިތުރުން އެކްޓަރު ޝާހްރުކް ޚާންއާއި ބަތަލާ ޑިމްޕަލް ކަޕާޑިއާވެސް ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ.

މިހާތަނަށްވެސް ފިލްމުގެ ވާހަކައާއި ކާސްޓުން ކުޅޭ ރޯލްތައް ސިއްރުކޮށްފައި އޮތުމަށްފަހު ފިލްމުގެ ޓީޒާއިންވަނީ ފިލްމުގައި ހިމެނޭ ތަރިން ފެންނާނެ ރޯލް ކޮންމެވެސް ވަރަކަށް ދައްކާލާފައެވެ. އެހެންނަމަވެސް ފިލްމުގެ ޓްރެއިލާއިން ހުރިހާ ތަރިންވެސް ފެނިގެންދަނީ އެމީހުންގެ ރޯލްތަކުން ވަރަށް ތަފާތުގޮތަކަށެވެ.

މީގެ 8 އަހަރުކުރިން އެނައުންސްކޮށްފައިވާ "ބްރައްމަސްތުރާ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

ދަރްމާ ކުންފުނީގެ ބެނާގެ ދަށުން ފިލްމު ގެނެސްދޭއިރު ފިލްމުގައި ޕްރޮޑިއުސަރެއްގެ ރޯލް އެކްޓަރު ރަންބީރު ކަޕޫރުވެސް ކުޅެއެވެ.

ރިޕޯޓުތައް ބުނާގޮތުން ކަރަންއާއި އަޔާން މުކަރްޖީގެ އިތުރުން ރަންބީރު ޕްރޮޑިއުސަރުންގެ ޓީމާ ގުޅިފައިވަނީ ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމަކަށްވެފައި ފިލްމަށް ފައިދާގެގޮތުގައި ލިބޭ އާމްދަނީގެ ހިއްސާދާރަކަށްވުމުގެ ބޭނުމުގައެވެ.

ފިލްމީ ދާއިރާގެ އެނަލިސްޓުން ބަޔާންކޮށްފައިވަނީ ރަންބީރު ކަޕޫރު ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ގުޅުމުން އެއިން އަންގައިދެނީ އޭނާއަށް މިފިލްމު ޚާއްޞަވެފައިވާ މިންވަރު ބޮޑުކަމެވެ.

މީގެކުރިންވެސް ރަންބީރްވަނީ ބައެއް ފިލްމުތަކުގައި އެސިސްޓެންޓް ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތް ކޮށްފައެވެ.

https://www.youtube.com/watch?v=sWpm-RsRmWA&t=4s