އިނގިރޭސިވިލާތުން ވަކިވެ މިނިވަން ދައުލަތަކަށްވުމަށް ސްކޮޓްލެންޑުން އައު ކެމްޕެއިނެއް ފަށައިފިއެވެ.

އެގޮތުން، ސްކޮޓްލެންޑްގެ ފަރސްޓް މިނިސްޓަރ ނިކޮލާ ސްޓާރޖަން ވަނީ، ސްކޮޓްލެންޑް އިނގިރޭސިވިލާތުން ވަކިވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ޕްލޭން އިއުލާން ކުރައްވާފައެވެ.

އެޑިންބާރގްގައި ހުންނަ ފަރސްޓް މިނިސްޓަރގެ ރަސްމީ ގެކޮޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނިކޮލާ ސްޓާރޖަން ވިދާޅުވީ، ބްރެގްޒިޓާއި، ކޮވިޑާއި، ބޮރިސް ޖޯންސަންގެ ކަންތައްގަނޑަށްފަހު މިއީ، ސްކޮޓްލެންޑް އައު ތަސައްވުރަކާ ދިމާއަށް މިސްރާބު ޖަހަންވީ ވަގުތު ކަމަށެވެ.

އިނގިރޭސިވިލާތުގެ ދަށުން ވަކިވެ ޔޫރަޕްގެ ގައުމަކަށް ސްކޮޓްލެންޑްވުމުން، އެގައުމަކީ މުއްސަނދި އަދި އުފާވެރި ގައުމަކަށް ވާނޭ ކަމަށްވެސް ނިކޮލާ ވިދާޅުވިއެވެ.

ޔޫކޭގެ އިގްތިސާދީ މޮޑެލްއާއެކު ގޮށްޖަހައިގެން އެއިން ސްކޮޓްލެންޑަށް ލިބެމުންދާ އިގްތިސާދީ އަދި އިޖުތިމާއީ ނިކަމެތިކަމުގައި ދެމިތިބޭނީތޯއާއި، ޔޫރަޕުން ބޭރުވުމުން ހައްތަހާ ނިކަމެތިކަން އިތުރުވާނެ ކަމަށް ބެލެވޭއިރު، ރަނގަޅަށް ލޯހުޅުވައި އުންމީދުތަކެއް ކުރަންވީ ވަގުތު ނުޖެހޭތޯ ނިކޮލާ ވަނީ ސުވާލު ކުރައްވާފައެވެ.

ނިކޮލާ ސްޓާރޖަން ނޫސްވެރިންނާ ވާހަކަފުޅު ދެއްކެވުމަށްފަހު ސޯޝަލް މީޑިއާގައި ކެމްޕެއިންވަނީ ފަށާފައެވެ.

އެ ކެމްޕެއިންގައި، ކޮވިޑްގެ ބަލީގެ ސަބަބުން ސްކޮޓްލެންޑެކޭ އެއްފަދަ ހާލު ޖެހުނު ނޯރވޭ، ފިންލެންޑް، ޑެންމާކް އަދި އަޔަރލޭންޑް ފާހަގަކޮށްފައިވާއިރު، އެގައުމުތައް އިގްތިސާދީ ވަޅުގަނޑުން އަރައިގެންފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ސްކޮޓްލެންޑްގެ ފަރސްޓް މިނިސްޓަރ ނިކޮލާ ސްޓާރޖަން ވަނީ، 2023 ވަނަ އަހަރުގެ ކުރިން، ސްކޮޓްލެންޑް މިނިވަންވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ވައުދުވެވަޑައި ގެންފައެވެ. އެކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ކިބައިން މިނިވަންވުމަށް ސްކޮޓްލެންޑްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގޭނީ، އެކަމަށް ހުއްދަދޭ ސެކްޝަން 30 ގެ އަމުރު، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ދީފިނަމައެވެ. ސެކްޝަން 30 ގެ އަމުރު އެކްޓިވޭޓްކުރުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގާނޫނީ ބާރު ސްކޮޓްލެންޑް ސަރުކާރަށް ލިބިގެންދާނެއެވެ.

ނިކޮލާ ސްޓާރޖަން ވިދާޅުވީ، އެކަމުގެ އަމުރުދޭން ބޮރިސް ޖޯންސަންގެ ސަރުކާރުން ދެކޮޅު ހަދައިފިނަމަ، ގާނޫނީ ލަފާ ހޯއްދަވައިގެން އެކަމަނާ އެކަން ކުރައްވާނީ އަމިއްލަ މަގުން ކަމަށެވެ.

ނިކޮލާ ވިދާޅުވީ، ކުރިމަތިވެދާނެ ގޮންޖެހުންތަކަށްވުރެ، މިނިވަން ގައުމަކަށްވުމުން ސްކޮޓްލެންޑަށް ލިބޭނެ މަންފާ މާބޮޑުވާނެ ކަމަށެވެ.

އިނގިރޭސިވިލާތުން ވަކިވެ މިނިވަން ދައުލަތަކަށްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، 2014 ވަނަ އަހަރުވެސް ނަގާފައި ވެއެވެ. އެފަހަރު %55 ރައްޔިތުން ބުނެފައިވަނީ ބޭނުންވަނީ ޔޫކޭގެ ބައެއްގެ ގޮތުގައި ސްކޮޓްލެންޑް އޮތުމަށް ކަމަށެވެ.