ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓު މުބާރާތް، އިންޑިއަން ޕްރިމިއަރ ލީގް (އައިޕީއެލް)ގެ ސްޓްރީމިންގ އަދި ޓީވީ ރައިޓްސް ރެކޯޑު އަގެއްގައި ވިއްކާލައިފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އައިޕީއެލްގެ ސްޓްރީމިންގ ރައިޓްސް ވިއްކާލީ، އިންޑިއާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ ހިއްސާ އޮންނަ ވިއަކޮމް 18 އަށެވެ. 2027 ވަނަ އަހަރުގެ ނިޔަލަށް މި ރައިޓްސްތައް ވިއްކާލާފައިވަނީ 3.05 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

އަދި މުބާރާތުގެ ޓީވީ ރައިޓްސް ވިއްކާލާފައިވަނީ ޑިސްނީގެ ދަށުން އޮންނަ ސްޓަރ އިންޑިއާ އަށެވެ. އެކުންފުނިން ޓީވީ ރައިޓްސް ގަނެފައިވަނީވެސް ހަމަ 3.05 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

މި ދެ ޓީލްގެ ޖުމްލަ އަގު 6.1 ބިލިއަނަށް އަރާއިރު، މިއީ ފާއިތުވީ ފަސް އަހަރު އައިޕީއެލްގެ ޓީވީ އަދި ސްޓްރީމިންގ ރައިޓްސް ސްޓަރ އިން ގަތް އަގަށްވުރެ ދެގުނައށްވުރެ ބޮޑު އަގެކެވެ. ފާއިތުވީ ފަސްއަހަރުގެ ރައިޓްސްތައް ސްޓަރ އިން ގަނެފައިވަނީ 2.4 ބިލިއަން ޑޮލަރަށެވެ.

މިއާއެކު އައިޕީއަލް ވަނީ، މެޗަކަށް ހޭދަކުރާ އަގުގެ ގޮތުން ބަލާއިރު، ދުނިޔޭގެ އެންމެ ބޮޑެތި ކުޅިވަރު މުބާރާތްތައް ކަމަށްވާ، އެމެރިކާގެ އެންއެފްއެލް އާއި އިނގިރޭސި ޕްރިމިއަރ ލީގާއި އެއް ފަންތިއެއްގައި ރޭންކު ކުރެވިފައެވެ.

އައިޕީއެލްގެ ކޮންމެ މެޗަކަށް، ސްޓްރީމިންގ ރައިޓްސްގެ ގޮތުގައި ސްޓަރ އިން 7.36 މިލިއަން ޑޮލަރު ހޭދަކުރާނެއެވެ. އެއީ 410 މެޗެވެ. އަދި ސްޓްރީމިންގ ރައިޓްސްގެ ގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން ކޮންމެ މެޗަކަށް ވިއަކޮމް އިން 6.4 މިލިއަން ޑޮލަރު ހަރަދުކުރާނެއެވެ.

އިންޑިއަން ޕްރިމިއަރ ލީގު ނުވަތަ ޓާޓާ އައިޕީއެލް އަކީ އިންޑިއާގެ ތިން ސްޓޭޓެއްގެ 7 ސިޓީއަކުން 10 ޓީމެއް ވާދަކުރާ ޓީ20 ކްރިކެޓް ލީގެކެވެ. މިއީ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ އިން 2007 ވަނަ އަހަރު ވުޖޫދުކުރި ލީގެކެވެ.

އައިޕީއެލް އެންމެފަހުން ކާމިޔާބު ކޮށްފައިވަނީ ގުޖުރާތު ޓައިޓެންސް އެވެ. ލީގު އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ މުމްބާއި އިންޑިއަންސް އެވެ. އެޓީމުން ވަނީ ޖުމްލަ 5 ފަހަރަށް ލީގު ކާމިޔާބު ކޮށްފައެވެ. ލީގުގައި އެންމެ ގިނަ ރަންސް ހަދާފައިވާ ވިރާޓް ކޮއެލީ ވަނީ ޖުމްލަ 6624 ރަން ހަދާފައެވެ.