ފްރާންސްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ދެމެހެއްޓުމުގެ ގޮތުން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަމް (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ވީޕީއާއެކު މާކެޓިން ކެމްޕޭނެއް ފަށައިފިއެވެ.
މި ކެމްޕޭން ކުރިއަށްދާނީ 13 ޖޫން 2022 އިން ފެށިގެން 10ދުވަހަށެވެ. ވީޕީ އަކީ ފަރަންސޭސިވިލާތުގައި ފްލޭޝް ސޭލްސްގެ ކޮންސެޕްޓް ތަޢާރަފްކޮށް، ޔޫރަޕްގައި ފްލޭޝް ސޭލްސްގެ ކޮންސެޕްޓް ކުރިއެރުވުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. ފަރަންސޭސިވިލާތުގައި އެކަނިވެސް 24 މިލިއަން މެންބަރުން ތިބޭ ވީޕީ އަކީ ޔޫރަޕްގައި އޮންލައިންކޮށް ފްލޭޝް ސޭލްތައް ފުޅާދާއިރާއެއްގައި ހިންގާ ކުންފުންޏެކެވެ. މި ކުންފުނިން ދަނީ މަޝްހޫރު 3000 ބްރޭންޑާއެކު މަސައްކަތް ކުރަމުންނެވެ.
މަތީ ފަންތީގެ ގިނަ ކަސްޓަމަރުން ތިބޭ ވީޕީގެ އޯޑިއަންްސް އަކީ، އާންމުކޮށް ޗުއްޓީ ޕެކޭޖުތައް ހޯދުމަށް ސާރޗްކުރާ ފަރާތްތަކެވެ. މި ކުންފުންޏާއެކު ކުރިއަށް ގެންދާ ކެމްޕެއިންގެ ސަބަބުން ރާއްޖެއަށް ތަރުހީބާއި ޕަބްލިސިޓީ ލިބޭނެ ކަމަށް އެމްއެމްޕީއާރްސީ އިން ލަފާކުރެއެވެ.
ވީޕީއާއެކު ކުރިއަށް ގެންދާ މި ކެމްޕޭނުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް (ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑް) ޕްރޮމޯޓްކޮށް، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތަކާއި، ރާއްޖޭގައި ހުރި ޓޫރިޒަމްގެ ތަފާތު ސެގްމަންޓްތަކާއި، ދަތުރުފަތުރު ކުރުމުގެ ގައިޑްލައިންތަކުގެ އެންމެ ފަހުގެ މައުލޫމާތުުތައް ފަރަންސޭސިވިލާތުގެ ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދޭނެއެވެ.
މި ކެމްޕެއިންގެ ތެރެއިން ދުވާލަކު 3 މިލިއަން ވިޒިޓަރުން ވަންނަ ވީޕީގެ ވެބްސައިޓްގެ ހޯމް ޕޭޖުގައި ރާއްޖޭގެ އިޝްތިހާރު ޝާއިޢުކުރާނެއެވެ. މީގެއިތުރުން މިވެބްސައިޓުގެ ތެރެއިން ވަދެވޭ ގޮތަށް ރާއްޖެއަށް ހާއްސަ ވެބްސައިޓެއްވެސް މި ކެމްޕެއިންގެ ތެރެއިން ހަދާނެއެވެ. އަދި ވީޕީގެ ޓްރެވަލް ޕޭޖުގެ ބެނާރ ގައިވެސް ރާއްޖޭގެ އިޝްތިހާރު ޖަހާ، އީމެއިލް މެދުވެރިކޮށް މަންޒިލުގެ މައުލޫމާތު ވީޕީގެ ޑާޓާބޭސްގައި ހިމެނޭ 9 މިލިއަން މީހުންނާ ހިއްސާކުރާނެއެވެ.