އަހަރެމެންގެ އިސްލާމްދީނަކީ އެންމެ ރިވެތި ދީނެވެ. ހައްގުގެ މަގެވެ. އިންސާފުގެ ގޯއްޗެވެ.

ކޮންމެ ކަމަކަށް ވެސް އެންމެ ފުރިހަމަ ހައްލު އަހަރެމެންގެ މި ދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. އިސްލާމް ދީނުގެ ރަސޫލާ އަހަރެމެންގެ މާތް ނަބިއްޔާ ރަސޫލުالله صلى الله عليه وسلم މި އުންމަތަށް ދަސްކޮށްދެއްވި އެންމެ މުހިންމު އެއް ފިލާވަޅަކީ އިންސާނާ ކުރާ ފާފަތައް ސިއްރެއްގެ ގޮތުގައި ބޭއްވުމެވެ. އެއީ ތިމާއަށް ކުރެވޭ ކުށްފާފައެއް ކަމުގައި ވިޔަސް އަދި އެހެން މީހަކަށް ކުރެވޭ ކުށްފާފައެއް ކަމުގައި ވިޔަސް ސިއްރުކުރުމަކީ އެ ކަމުގައި ހެޔޮކަން ވާ ކަމެކެވެ.

މާތް اللهގެ އަމުރުފުޅުތަކާ ޚިލާފު، ނުވަތަ އަޚްލާޤީ ސިފަތަކާ ޚިލާފު، ނޫނީ މީހެއްގެ އަބުރާއި އިއްޒަތަށް ގެއްލުން ލިބޭފަދަ ޢަމަލެއް މީހަކު ކޮށްފިނަމަ، އެކަން ސިއްރުކޮށް، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި اللهގެ ޙަޟްރަތުން އޭނާގެ ފާފަފުއްސެވުން އެދި ދުއާކުރުމަކީ އިސްލާމްދީން ބާރު އަޅާ ގޮތެވެ. އެއްވެސް ހާލެއްގައި މީސްމީހުންގެ ނެތިނުބައި ވާހަކަދައްކައި ފާފަތައް ބޭޒާރުކޮށް ފަޟީޙަތްކުރުމަކީ އިސްލާމްދީން ދަންނަ ކަމެއް ނޫނެވެ. އަދި އަމިއްލަ އަށް ކުރެވޭ ކުށްފާފަތަކުގެ ވާހަކަ ދެއްކުމަކީ ވެސް މި މާތް ދީނުގެ ރިވެތި އުސްލޫބުތަކާ ޚިލާފު ކަމެކެވެ.

ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: "އަލްމުޖާހިރީން ފިޔަވައި، ތިމަންކަލޭގެފާނުގެ މުޅި އުއްމަތް ސަލާމަތުން ވެއެވެ." ސަބަބެއް ކަމަށް ބަޔާން ކުރައްވަނީ، މުޖާހިރީން ތެރޭގައި މީހަކު ނުބައި ކަމެއް ކޮށް، ހެނދުނު ތެދުވެ، الله އޭނާގެ ފާފަ ސިއްރު ކުރައްވައިފައި ވަނިކޮށް، އޭނާ އަށް ކުރެވުނު ކަންތަކުގެ ވާހަކަ ދެއްކުމެވެ. [صحيح البخاري]

މާތް ﷲ އެކަލާނގެ ނަބިއްޔާގެ ޚުލްޤު ރިވެތިކަމުން ތަޢުރީފުގެ ބަސް ވަޙީކުރެއްވިއެވެ. ތެދުވެރިކަމާއި، ހިތްޕުޅު ތިރިކަމުގެ ސަބަބުން އަރަބީން ވަނީ އެކަލޭގެފާނުގެ ރިސާލަތުގެ ކުރިން އެކަލޭގެފާނަށް ތައުރީފުގެ ބަސްތައް ބުނެފައެވެ.

ރިވެތި ސިފަތަކާއި، މާތް ޚުލްޤުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި، އުނި ސިފަތައް ފޮރުވައި ވަންހަނާކުރުން ވެއެވެ. މާތް ﷲއީ އެކަލާނގެ އަޅުތަކުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެއެވެ. އެހެންވެ، އިސްލާމް ދީން މުސްލިމުންނަށް އެމީހުންގެ އައުރަ ނިވާކުރުމަށާއި، އެހެން މީހުންގެ ސިއްރުތައް ރައްކައުތެރިކޮށް ސިއްރުކޮށްދިނުމަށް ގޮވައިލައެވެ.

މާތް ﷲގެ ރަސޫލާ އަމުރުކުރައްވާފައި ވަނީ އަހަރެމެންނަން އޮޅިގެން ކުރެވޭ ކުށްފާފަތަކުގެ ވާހަކަވެސް ނުދައްކާ ވަންހަނާކުރުމަށެވެ.

އަހަރެމެންގެ ކުށް ފާފަތަކާއި، ހަޑިހުތުރު އަމަލުތައް ވަންހަނާކުރުމަކީ، ޤިޔާމަތް ދުވަހުން މާތް ﷲގެ ފުއްސެވުމާއި މަޣްފިރަތު ލިބޭނެ ކަމެކެވެ.