ދިވެހި ސަރުކާރުން 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިފިއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު ނެގުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރީ އޭކޭއޭ ޔޫރަޕިއަން އެސްޕޯޓް ޓްރޭޑް ބޭންކާއި އައިއެންޖީ ބޭންކާއި އޭބީއެން އޭއެމްއާރުއޯ ބޭންކްއާ އެކުގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު އަސްލަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ގުޅީފަޅު ހިއްކައި ގުޅީފަޅުގައި އާ ޕޯޓެއް ތަރައްގީކޮށް އަދި މިހާރު މާލޭގައި ބޭނުންކުރަމުންދާ މާލެ އިންޓަނޭޝަނަލް ޕޯޓް ގުޅީފަޅަށް ރިލޮކޭޓް ކުރުމެވެ.
މާލެއާއި ތިލަފުއްޓާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ބަނދަރާއި މީހުން ދިރިއުޅޭ ސަރަހައްދު ހިއްކާނީ ނެދަލެންޑްގެ ބޮސްކާލިސް އިންނެވެ.
ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ގުޅިފަޅުން 3،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެެ.
ގުޅީފަޅު ބިން ހިއްކުމަށް ލޯނެއް ނެގިއިރު، ރާއްޖޭގެ ޖުމްލަ ދަރަނި 99 މިހާރު ބިލިއަނަށް ވަނީ އަރައިފައެވެ.