އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރު ދެކެ ރުޅިއައިސްގެން އިންޑިއާގެ އެތައް ސްޓޭޓެއްގެ މަގުތަކަށް މީހުން ނުކުމެ ތަންތަނުގައި ހުޅުޖަހައި، ފުލުހުންނަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދޭން ފަށައިފިއެވެ.

މައްސަލަ ޖެހިގެން އުޅެނީ، ސަލާމަތީ ބާރުތަކަށް މީހުން ވެއްދުމުގެ "އަގްނީޕަތު" ސްކީމަށް މައި ސަރުކާރުން ގެނައި ބަދަލާ ގުޅިގެންނެވެ. ސްކީމަށް ގެނައި ބަދަލުގައި ކަނޑައަޅާފައިވަނީ އެއީ ކުރު މުއްދަތުގެ ސްކީމެއްގެ ގޮތުގައެވެ.

މިކަމާ ރުޅިއައިސްގެން، ސަލާމަތީ ބާރުތަކުގެ ޚިދުމަތާ ގުޅެން ބޭނުންވެފައި ތިބި ބަޔަކު އެންމެ ފުރަތަމަ ހަޅުތާލު ކުރަން ފަށާފައިވަނީ ބިހާރު ސްޓޭޓްގައި އިއްޔެއެވެ.

ނަމަވެސް، ހަޅުތާލު ބޮޑު ބިހާރު ސްޓޭޓުގެ އެކި ހިސާބުތަކަށް ފެތުރި ހަމަނުޖެހުމަށް ބަދަލުވެ، ރޭލުތަކުގައި ހުޅުޖަހައި، ރޭލު ދަތުރާއި، ބަސްދަތުރުކުރާ މަގުތަކަށް ހުރަސްއަޅައި، އެތައް ބަހެއްގެ ބިއްލޫރިތައް ތަޅައި ސުންނާފަތިކުރަމުން އެބަގެންދެއެވެ.

ނުވިތާކަށް، ވެރިކަންކުރާ ބީޖޭޕީއަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީސް މެމްބަރަކާއި، އޭނާގެ ބޮޑީގާޑުންގެ ގައިގައިވެސް ތަޅައިގެންފައި ވެއެވެ. އަދި ނަވާޑާގައި ހުންނަ ބީޖޭޕީގެ އޮފީހުގައިވެސް ހުޅުޖަހައި އަންދާލާފައި ވެއެވެ.

"އަގްނީޕަތު" މުޒާހަރާތައް ބިހާރުން ފެށިގެން މިހާރުވަނީ އިންޑިއާގެ އެކި ސްޓޭޓްތަކަށް ފެތުރިގެން ގޮސްފައެވެ. އެގޮތުން، ހަރިޔާނާ ސްޓޭޓާއި، އުއްތަރް ޕްރަދޭޝް ސްޓޭޓްގައިވެސް ވަރުގަދަ މުޒާހަރާތަކެއް ފެށި، ތަންތަނުގައި ހުޅުޖެހުމާއި، ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ފެށިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަރިޔާނާ ސްޓޭޓުގެ ޕަލްވަލްގައި ހިނގި އޮށްގާ އުކުމާއި، ގެއްލުންބޮޑު ހަމަނުޖެހުންތަކާ ގުޅިގެން އެ އަވަށުން މިހާރުވަނީ ފޯން އިންޓަރނެޓާއި، އެސްއެމްއެސްގެ ޚިދުމަތް ކަނޑާލާފައެވެ.

މުޒާހަރާ ކުރަމުންދިޔަ ގްރޫޕެއްގެ ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ވެހިކަލްގައި ހުޅުޖެހުމުން ސަލާމަތް ހޯދަން ފުލުހުންނަށް ޖެހުނީ ވައިގެތެރެއަށް ބަޑިޖަހައި މީހުން ދުރަށް ޖައްސާށެވެ.

ބައެއް ސްޓޭޓްތަކުގެ މަގުތަކުގައި ޒުވާނުން ގެންދަނީ ޓައިރު ޖަމާކޮށް އަންދަމުންނެވެ. އަދި ފުލުހުންނާއި ޒުވާނުންނާ ދެމެދު ވަރުގަދަ ތަޅާފޮޅުންތައްވެސް ދަނީ ހިނގަމުންނެވެ.

ޒުވާނުން ރުޅިއައީ، ސިފައިންގެ ޚިދުމަތަށް އަލަށް ނަގާ، އުމުރުން 17.5 އަހަރާއި، 21 އަހަރާ ދެމެދުގެ 45،000 މީހުންގެ ތެރެއިން 25 އިންސައްތަ މީހުން ފިޔަވައި އެހެން އެންމެން 4 އަހަރުވުމުން ކޮންމެ މީހަކު 11 ނުވަތަ 12 ލައްކަ ރުފިޔާ ދީފައި ގެއަށް ފޮނުވާލަން ކަނޑައެޅުމުންނެވެ. ޕެންޝަންގެ އެއްވެސް އިނާޔަތެއް އެމީހުންނަކަށް ނުލިބެއެވެ.

25 އިންސައްތަ މީހުންނަށް ޚިދުމަތުގައި 15 އަހަރު އުޅެވެއެވެ. އެމީހުން ޚިދުމަތުން ވަކިވާއިރު ޕެންޝަން ދެއެވެ.

މިހާރު އަމަލުކުރާ ކުރީގެ ސްކީމްގައި، ޚިދުމަތަށް ނަގާ ހުރިހާ ޒުވާނުން ޚިދުމަތުން ވަކިވާންޖެހެނީ 15 އަހަރު ވުމުންނެވެ. ވަކިވާއިރު ދާއިމަށް ޕެންޝަން ލިބެއެވެ.

މައި ސަރުކާރުން ސިފައިންގެ ޚިދުމަތަށް ކޮންމެ އަހަރަކު ޒުވާނުން ނުވަތަ "ޖަވާންސް" ނަގާ ސްކީމަށް ބަދަލު ގެނައީ އަސްކަރިއްޔާގެ ޚަރަދުތައް ކުޑަކޮށް ހަތިޔާތު ގަތުމަށް ފައިސާ އިތުރުކުރުމުގެ ގޮތުން ކަމަށް ވެއެވެ.

މައްސަލަ ޖެހުނު ހިސާބަކީ، ބީޖޭޕީ ވެރިކަމަށް އަންނަން އެންމެފަހުން ބޭއްވި އިންތިޚާބުގައި ކުރި ކެމްޕެއިންގައި ޒުވާނުންނަށް ސިފައިންގެ ޚިދުމަތުން ވަޒީފާދޭން ވައުދުވެ، ކެމްޕެއިންގައި ހިންގި "ވަން ރޭންކް، ވަން ޕެންޝަން" ވައުދާ ސަރުކާރުން ޚިލާފްވުމުންނެވެ.

އެތައް ޒުވާނުންނަށް ވަޒީފާގެ ފުރުސަތަށް ބޭނުންވެފައި ތިއްބައި ސްކީމަށް ބަދަލު ގެނައުމުން، ޚާއްސަކޮށް ޒުވާނުން ރުޅިއައިސްގެން މަގުތަކަށް ނުމެފައިވާތީ، މިކަން މުޅި އިންޑިއާއަށް ފެތުރިގެންދާނޭ ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.