މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމާއި ގުޅޭގޮތުން އިދާރާތަކާއި މަޝްވަރާކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 56 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީގެ 4 ވަނަ ދައުރުގެ 56 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް މާލީ މަންފާ ހާސިލުކުރުމުގެ ގަވާއިދުގެ ދަށުން ކުރެވޭ ކަންތަށްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރެވޭފަދަ ކަމަކަށް އޮތީ ސޯޝަލް ހައުސިންގް ކުރިއަށް ގެންދިއުން ކަމަށާއި އެހެންނަމަވެސް އެކަމަކީ މާލީ މަންފާއެއް ހާސިލު ކުރުމަށްވުރެ ނިކަމެތި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަމެއް ކަމުގައެވެ.

ސައިފް ވިދާޅުވީ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްފަދަ ތަންތަން މާލޭގައި ފުޅާކޮށް މިހާވެސް ހިންގަމުން އަންނަ ކަމަށާއި އެކަން މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހިފައިނުވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ކުދި ރަށްރަށާއި އަތޮޅު ކައުންސިލްތަކުން ކޮށްދޭން ޖެހޭ ކަމެއް ކަމަށާއި ސިޓީ ކައުންސިލަށް މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރެވެންޖެހޭނެ ކަމަށެވެ.

އަދި މި ޤަވާއިދަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ބައްދަލު ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ސައިފް ވަނީ އެކަން ޖަލްސާގައި ހުށައަޅުއްވާފައެވެ.

ސައިފްގެ ހުށައެޅުން ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.