އިންޑިއާގެ މަސްހޫރު މީޑިއާތަކުގެ މެންބަރުން ހިމެނޭ ޓީމެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރު ކުރިއަށް ދަނީ މި ހިނގާ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މިޓީމުގައި ހިމެނޭ މީޑިއާތަކުގެ ތެރޭގައި ޓައިމްސް އޮފް އިންޑިއާ، ފައިނޭންޝަލް އެކްސްޕްރެސް، ބީ ޑަބްލިއު ބިޒްނަސް ވޯލްޑް، އެންޑީޓީވީ ފުޑް އަދި ޓްރެވަލް ޑައިންގެ މެންބަރުން ހިމެނެއެވެ. މި ދަތުރުގައި އެމީހުން ތިބެނީ ކުރަމަތި މޯލްޑިވްސް، ދަ ރެސިޑެންސް މޯލްޑިވްސް އާއި ނޮކު މޯލްޑިވްސްގައެވެ.

މި ދަތުރުގެ ތީމް އަކީ ގޭސްޓްރޮނޮމީ އަށް ވުމާއެކު ދަތުރުގެ ބައިވެރިން ތިބޭ ރިޒޯޓުތަކުގައި ރާއްޖޭގެ ހާއްސަ ކެއުންތައް ތަޖުރިބާ ކުރާނެއެވެ. އަދި ރާއްޖޭގޭ މެހެމާންދާރީ އާއި ތަފާތު ޚިދުމަތްތައްވެސް މިޓީމުގެ ޝެޑިއުލްގައި ހިމެނެއެވެ. މިދަތުރުގެ ތެރެއިންނާއި ދަތުރަށްފަހު ދަތުރުގެ ބައިވެރިން ރާއްޖޭގެ ފޮޓޯއާއި، ވީޑިއޯ އަދި ލިޔުންތައް އެފަރާތްތަކުގެ ސޯޝަލް މީޑިއާ އަދި ޕަބްލިކޭޝަންތަކުގައި ސާއިއުކުރާނެއެވެ. މި ދަތުރާ ގުޅިގެން ޝާއިޢުކުރާ ލިޔުންތައް އިންޑިއާގެ ގިނަ ބަޔަކަށް ފޯރާނެކަމަށް ބެލެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ޓީމް ކުރަމަތި ރިޒޯޓުގައި ތިބިއިރު އެމްއެމްޕީއާރުސީގެ އޮފިޝަލުން އެރިސޯޓަށް ޒިޔާރަތްކޮށް އިންޑިއާގެ ބާޒާރުގައި ރާއްޖޭގެ މާކެޓު އިތުރަށް ޕްރޮމޯޓްކުރުމަށް ކުރާމަސައްކަތްތައް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަސްވަރާކުރިކަމަށް އެކޯޕަރޭޝަނުން ބުނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، ރާއްޖޭގައި ކުރެވެންހުރި ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ޓީމުގެ މެމްބަރުންނަށް ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނަކުން ހިއްސާކުރިކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ދަތުރުގެ ބޭނުމަކީ، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުންކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ގުދުރަތީގޮތުން އުފެދިފައިވާ ގޮތާއި، ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓް ޕްރޮމޯޓުކޮށް ރާއްޖޭގެ ޕްރޮޑަކްޓްތައް (ހޮޓާ، ރިސޯޓް، ލިވަބޯޑް، ގެސްޓްހައުސް) އަދި ތަޖުރިބާތައް ޕްރޮމޯޓުކުރުންކަމަށެވެ. ހާއްސަކޮށް ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަމުގެ މައްޗަށް އަލިއޅުވާލުމާއި މަންޒިލްގެ އެކި ފަތުރުވެރިކަމުގެ ސެގްމަންޓްތައް ޕްރޮޓްކުރުން ހިމެނެއެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ ބުކިންތައް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 732،884 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މީގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިޔާއިންއެވެ. މި މުއްދަތުގައި އެގައުމުން ރާއްޖެއަށް 104،800 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،187 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، 170 ރިސޯޓާއި، 863 ގެސްޓްހައުސްގެ އިތުރުން 154 ސަފާރީއެވެ. މިއީ 54،856 ބެޑް ކެޕޭސިޓީއެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒައަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.