ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސްގެ ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް)ގެ އައު ލަވައެއް ކަމަށްވާ "ވެރިންގެ ވެރިކަން" ނެރެފިއެވެ.
މިއީ މިވަގުތު ޖަލު ބަންދުގައި ހުރި ޕެސްޓު، އޭނާ އަމިއްލަ އަށް ލިރިކްސް ލިޔެ އުފައްދާފައިވާ ލަވައެކެވެ. އަދި މިލަވަ ޕެސްޓު ލިޔެފައިވަނީ ޖަލުގައި ހުރެގެންކަމަށް ވީނިއުސް އާއި ވާހަކަދެއްކި ސިމްބޮލިކް ރެކޯޑްސްގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ސިމްބޮލިކް ރެކޯޑްސްގެ ސޯޝަލްމީޑިއާ މަންސަތަކުގައި އާންމުކޮށްފައިވާ ލަވައާއި ގުޅޭ ގޮތުން، ސިމްބޮލިކްގެ މާ ބޮޑު ކޮމެންޓެއް މި ވަގުތު ނެތެވެ. ހަމަ އެކަނި ދިން ކޮމެންޓަކީ "ޖަލުގައި ހުރެގެން ހަދާފައިވާ ލަވައެއް" ކަމަށް ބުނެ ދިން ކުރު ޖަވާބެވެ.
ހިތްގައިމު މެލޮޑީއަކަށް ހަދާފައިވާ މި ލަވައިގެ ރާގުގެ ވެރިފަރާތަކީ ސިމްބޮލިކް ރެކޯޑްސްގެ ފަންނުވެރިޔާ ރައްޔާން މުހައްމަދު (ރައިޑޭ)އެވެ.
ދިވެހި ޒުވާނުންގެ ރެޕް "ރަސްގެފާނު"ގެ "ވެރިންގެ ވެރިކަން" މި ލަވައަށް 24 ގަޑިއިރު ނުވަނީސް ގިނަ ބައެއްގެ ތައުރީފު އޮހިފައިވާއިރު، މި ލަވަޔައިގައި ދައްކަނީ ބޭއިންސާފުގެ ވާހަކައެވެ. ފުލުހުންގެ އަނިޔާވެރިކަމުގެ ވާހަކައާއި ވެރިންގެ އިއްޒަތްތެރިކަމާއި ރައްޔިތުންގެ ނިކަމެތިކަމުގެ ވާހަކައެވެ. ދެރަ ނިކަމެތި މީހާއަށް އިންސާފު ނުލިބޭ ވާހަކަ އަދި އާންމުންނަށް އިންޒާރާއި ޖޫރިމަނާތައް ކުރިމަތިކުރާ ވާހަކަ ވަރަށް ތިލަކޮށް ޅެންބަހުން ގެނެސްދީފައި ވެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި އަހަރުގެ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހުގައި ހައްޔަރުކޮށް، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އޭގެ ތެރެއިން ތިން ދައުވާއަކީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މަސްތުވާތަކެތި ޓްރެފިކިންގެ ދައުވާތަކެކެވެ. އެ ތިން ދައުވާއަކީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަދި ޖަދުވަލް އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއެވެ. މި ތިން ދައުވާ ޕެސްޓްގެ އެކުވެރިއެއް ކަމަށްވާ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ.
ޕެސްޓްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އޭނާ އިންކާރުކުރެއެވެ.
އޭނާ ނިސްބަތްވާ ސިމްބޮލިކް ރެކޯޑްސް އިން ވެސް ބުނަމުން އަންނަނީ ޕެސްޓްގެ މައްޗަށް ކުރަނީ ސައްހަ ދައުވާތަކެއް ނޫން ކަމަށެވެ.