ރާއްޖޭގައި މިހާރު ހުރި ސީޔާސީ ޕާޓީތަކުގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެވޭނެ ހަމައެކަނި ޕާޓީއަކީ ޖޭޕީ ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް (ޑީއެސްޖީ) މޫސާ މުސްތާގު ވިދާޅުވެއްޖެއެވެ.

ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޖޭޕީގެ ޑީއެސްޖީ މޫސާ މުސްތާގު ވިދާޅުވީ، ޒުވާނުން ޖޭޕީއަށް ގުޅޭ ގިނަ ސަބަބުތަކެއް އެބަ ހުރި ކަމަށެވެ. އަދި އެ ސަބަބުތައް ޖުމުލަކޮށް ކުރުކޮށް ދަންނަވާ ނަމަ، ދެންނެވޭނީ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދީ ކުރިއަރުވަން މަސައްކަތް ކުރަނީ ޖޭޕީން އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމަކީ ޒުވާނުންނަށް އިސަަކަންދީ ފުރުސަތު ދިނުމުގައި ނަމޫނާ ލީޑަރެއްކަން ފާހަގަކުރައްވައި މުސްތާގު ވިދާޅުވީ، ޖޭޕީގެ ޒުވާނުންގެ ލީގުގައްޔާއި ޕާޓީގެ އެކިއެކި މަގާމުތަކުގަގައި ގިނަ އަދަދެއްގެ ޒުވާނުން ތިބުމަކީ މިއަދު އެ އަގުހުރި ފުރުސަތުތައް ޖޭޕީން ދީފައިވާ އަދި ކުރިއަށް އޮތްނުގައި ވެސް ދޭނޭ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

މީގެ އިތުރުން ޤާސިމް އިބްރާޙިމްގެ ޚިދުމަތްތެރި ޚިދުމަތްތަކުން ރާއްޖޭގެ އެކިއެކި ކަންކަމަށް ޒުވާނުން އުފައްދަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުސްތާގު ވިދާޅުވީ، ޖޭޕީގެ ދޮރުތައް ހުރީ ޒުވާނުންނަށް ހުޅުވިފައި ކަމަށާއި ޖޭޕީއާ ގުޅުމަކީ ސިޔާސީ ދާއިރާ އަލަށް ތަޖުރިބާކުރަން ބޭނުންވާ ޒުވާނުންނަށް ވެސް ރަނގަޅު "ޗޮއިސް" އަކަށް ވާނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ޖޭޕީއަށް އަަލަށް ގުޅުނު މީހުންގެ ތެރޭގައި ޒުވާނުންގެ ނިސްބަތް ގިނަކަން ފާހަގަކުރައްވައި އޭނާ ވަނީ އެ އަދަދު ކުރިއަށް އޮތް ތަނުގައި ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި އޮތް ހަފުލާއެއްގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.

ޖޭޕީން މައުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ ޒުވާން އަންހެނުންނާއި ފިރިހެނުން ޖޭޕީއަށް ގުޅޭ މަންޒަރު ފެނިގެންދާނެއެވެ.