ގައުމުގެ ހަގީގީ ދުޝްމިނުންނަކީ ސަރުކާރުގައި ތިބި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ވެރިން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މެމްބަރުގެ ފާޑުކިޔުން އަމާޒުވެފައިމިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދެކޮޅަށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކާއި ދެކޮޅަށް އިކޮނޮމިކް މިިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނުކުންނެވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުން ދައްކަނީ ހަގީގަތަށް ބިނާކޮށް ގައުމުގެ ހާލުގެ ދުލުން ދައްކާ ވާހަކަތައް ކަމަށެވެ.

ގައުމުގެ ހަގީގީ ދުޝްމިނުންނަކީ ސަރުކާރުގައި ތިބި ރައްޔިތުންނަށް ކަންކަން އޮޅުވާލާ ވެރިންކަން ފާހަގަކުރައްވާ މެމްބަރު އާދަމް ޝަރީފް ވަނީ އެއީ ގައުމުގެ ޚާއިނުން ކަމަށް ވިދާޅުވެފައެވެ.

އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަބަދުވެސް ދާނީ ކުރިއަށް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މެމްބަރު އާދަމް ޝަރީފް މިފަދަ މޭރުކަމުން ވާހަކަ ދެއްކެވިއިރު އެމްޑީޕީގެ ގައުމީ މަޖިލީސްގެ ވަޓްސްއެޕް ގްރޫޕްގައި ހިނގި ބަހުސްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ޕީޕީއެމް އާއި ރައީސް ނަޝީދުގެ ވާހަކަފުޅުތަކުން އެއްބައިވެވޭ ކަމަށެވެ.

ސަރުކާރާ ދެކޮޅު މީހުން ހަގީގަތެއް ނެތް ވާހަކަ ދައްކަމުން ގޮސް އެކަން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް ހިތްވަރު ނުދިނުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ.

ފައްޔާޒު މިފަދައިން ގޮވާލެއްވީ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދު ވެސް އެފަދައިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީއެވެ.

މައުލޫމާތުތައް ފެންނަން ހުއްޓާ އިގްތިސާދީ ދޮގުތައް ހެދުމަކީ ޕީޕީއެމުން ވަރަށް ވަރުގަދަައަށް ރާވައިގެން ކުރާ ކަމެއް ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ އިގްތިސާދާއި އެހެން ކަންކަމަށް ބައްލަވާ އެމަނިކުފާނު ފާޑުވިދާޅުނުވެ ހުންނަވާފާނެ ކަމަށް ހީނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ބުނާ އެއްޗެއްގެ ސަބަބުން ސަރުކާރު ވެއްޓޭނީ ނަމަ ކުރާނެ ކަމެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.