ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޚްގެ ސަރުކާރުގައި، ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފްގެ މޭސްތިރިކަމުގެ ދަށުން ދިވެހި ކުޅިވަރަށް އިތުރު ކުރިއެރުމެއް ގެނެސްދީފިއެވެ.

ފާއިތުވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ކުޅިވަރު އާއިލާގެ ހުރިހާ މެމްބަރުންނަކީވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހަމައެކަނި ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުން އައި މަސައްކަތްތައް ބަދަލުވެ، ހުރިހާ ކުޅިވަރުތަކަކަށާއި، ކުޅިވަރު އެތްލީޓުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މި މަސައްކަތުގައި މިވަނީ އިތުރު ކުރިއެރުމެއް ހޮދާފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު މިވަނީ ތަމްރީނުކުރުމަށް ޔޫރަޕަށް ފޮނުވާފައެވެ. މިއީ ރާއްޖޭގެ ގައުމީ ޓީޓީ ޓީމު ޔޫރަޕުގައި ތަމްރީނުކުރާ ފުރަތަމަ ފަހަރެވެ. ތަމްރީނުތަކަށް ޓީޓީ ޓީމު ގޮސްފައިވަނީ ކްރޮއޭޝިއާއަށެވެ.

މިއީ މިއަހަރު ތެރޭގައި ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ސަބަބުން ފަހިވި ފުރުސަތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއީ ސްޕޯޓްސް އެވޯޑު ހަފްލާގައި ބައިވެރިވުމަށް ރާއްޖެ އައި ކްރޮއޭޝިއާގެ ޒޮރާންއާ ކުރެވުނު މަޝްވަރާގެ ތެރެއިން ހަމަޖެހުނު ދަތުރެއް ކަމަށް މިނިސްޓަރ މަހްލޫފް ވަނީ ހާމަކުރައްވާފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ މުބާރާތަށް ރާއްޖޭގެ ޓީމު ތަމްރީނު ކުރުމަށްވެސް ޒޮރާންގެ އެހީތެރިކަމާއެކު ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކު ގެނެސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކްރޮއޭޝިއާ އަށް ތަމްރީނަށް ފުރި ގައުމީ ޓީޓީ ޓީމުގައި ހަތަރު ކުޅުންތެރިއަކު ހިމެނެއެވެ.. އެއީ އަައިޝަތު ރަފާ ނާޒިމް، މަލާކް ބިންތް މުއިއްޒު، މިޝްކާ މުޙައްމަދު އިބްރާހިމްގެ އިތުރުން ޖުމާނާ ނިމާލްއެވެ.

ޓީޓީ ޓީމަށް ލިބުނު ފުރުސަތާއި ބެހޭގޮތުން ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ ޒުވާން ކުޅުންތެރިންނަށް ޓީޓީގައި ކުރިއަރައި ދިއުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި ތަމްރީނު ދަތުރުގެ ތެރެއިން ކްރޮއޭޝިއާގެ 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމާއެކު ރާއްޖޭގެ ގައުމީ ޓީމުން ކޭމްޕު ކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފައިވެއެވެ.

ރަނުގެ ފުރުސަތެއްގެ ބޭނުން ހިފުމަށް ގައުމީ ޓީޓީ ޓީމު ޔޫރަޕަށް ފުރާފައިވާއިރު، ޓީޓީ އަކީ ރާއްޖެއަށް ގިނަ ކާމިޔާބީތަކަކާއި، ރަން ވަނަތަކެއް ހޯދައިދީފައިވާ އެތްލީޓުންތަކެއް ތިބި ކުޅިވަރެއްކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރާއި ގުޅިގެން ޓީޓީ އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށާއި ޓީޓީގެ ފޯރި ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.