ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސްރީލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި ޓުވީޓެއްގައި ވަނީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދެއްވި ދައުވަތަކަށް ކަމަށެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމާއި ގުޅިގެން އެގައުމުގެ ހާލަތު ވަނީ ގޯސްވެފައެވެ. އަދި އެ ގައުމުގައި މުޒާހަރާ އާއި ހަމަނުޖެހުންތައްވެސް ދަނީ ހިންގަމުންނެވެ. ލަންކާއަށް މިވަގުތު އެންމެ ބޮޑަށް ދަތިވެފައި ވަނީ ބޭހާއި ގޭހާއި ކާޑުގެ އެކިއެކި ބާވަތްތަކާއި ކާބޯތެކެތި ލިބުމުގެ ދަތިކަމެވެ.
ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވާކަން ހާމަކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ ދާދި ފަހުން ވެސް އެގައުމަށް ޒިޔާރަތް ކުރައްވާފައެެވެ. އެ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ ލަންކާއަށް ދިމާވެފައިވާ ދަަތި އުނދަގޫ ހާލަތާއި ގުޅޭ ގޮތުންނާއި، ކުރިއަށް އޮތް ތަނުގައި، ތަނަވަސް އަދި އުފާވެރި ގައުމަކަށް ސްރީލަންކާ ހެދުމަށް، ހުރިހާ ސިޔާސީ ޕާޓީތަކަކުންވެސް އެއް ވިސްނުމެއް ގެންގުޅުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަދައްކަވާފައިއެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާގެ މިދަނޑިވަޅުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ ތާއީދަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވަނީ ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ނަޝީދަކީ ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.