ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އާންމު ގޮތެއްގައި ބޮޑު އީދު ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށް ފޯރިއާ އެކުގައެވެ. ބ. ދަރަވަންދޫ ރައްޔިތުންވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދަނީ މިފަހަރުގެ އީދު އެންމެ ފުރިހަމަ އީދަކަށް ހެދުމަށްޓަކައެވެ.

އަޟްހާ އީދު އަންނަން މަދު ދުވަސްކޮޅަކަށްވެފައި ވާއިރު، ރަށު ތެރެއިން ފެނިގެންދަނީ ރަށުގެ ކުދި ބޮޑު ހުރިހާ ރައްޔިތުންވެސް އީދަށް ތައްޔާރުވުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ މަންޒަރެވެ.

"މަގޭ އީދު" ގެ ނަމުގައި ފޯރިގަދަ އީދެއް ފާހަގަކުރުމަށް ދަރަވަންދޫ ރަށު ކައުންސިލުން ތައްޔާރުވަމުންދާއިރު، މިއަހަރުގެ އީދު އެންމެ ފޯރިގަދަވާނީ ދަރަވަންދޫގައި ކަމަށް ރަށު ރައްޔިތުން ބުނަމުން އައީ ސަބަބެއް ނެތިއެއް ނޫނެވެ. އީދު ފާހަގަކުރުމަށް ދަރަވަންދޫގައި ރާވާފައިވާ ކުޅިވަރުތަކުގެ ތެރޭގައި އަސްރަފްތާޖެހުން، މަންގަލަންދަނޑި، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ކޯޑިކުޅުން އަދި ވާދެމުން ފަދަ ފޯރިގަދަ ސަގާފީ ގިނަ ކުޅިވަރުތައް ހިމެނެއެވެ.

އަޟްހާ އީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެޖިންސު މަސްހުނި ނުވާހެން އަންހެނުންނާއި ފިރިހެނުން ވަކީންނެވެ. ސަގާފީ ނެށުންތައް އޭގެ އެންމެ ފުރިހަމައަށް ހުށަހަޅައިދިނުމަށްޓަކައި ރަށުގެ ޒުވާނުން އަންނަނީ ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތައް ބާއްވަމުންނެވެ.

ސަގާފީ ހަރަކާތްތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ފާހަގަކުރެވުނީ އަސްރަފްތާ ޖެހުމެވެ. މި ނެށުމާއި ބެހޭގޮތުން "ވީނިއުސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރ ފަރަޙަ އާދަމް ވިދާޅުވީ އަސްރަފްތާ ޖެހުމަކީ ކޮންމެ އަހަރަކުވެސް އީދު ފާހަގަކުރުމަށް ކުޅޭ ކުޅިވަރެއް ކަމަށާއި އެއީ ދަރަވަންދޫގެ ހާއްސަ ނެށުމެއް ކަމަށެވެ.

ފަރަޙަ އާދަމް
ކޮންމެ އަހަރަކުވެސް އީދުގައި ކުޅޭ ކުޅިވަރެއްގެ ގޮތުން މިރަށުގައި ކުޅޭ ކުޅިވަރެއް މިއީ. ނެށުމެއް ހާއްސަ ގޮތެއްގައި. މިއީ މިރަށުގެ ނެށުމެއް. އެކި ރަށްރަށުގައިވެސް މި ނެށުން ކުރިއަށްދާނެ. އެކަމަކު މިރަށުގައި މި ނެށުން ތަފާތުވާނެ އިނގޭތޯ. 2014 އިން ފެށިގެން އަޅުގަނޑު މި ކުޅިވަރުގައި އެބަ ބައިވެރިވަން. މި އަހަރު އަޅުގަނޑު ސިފަކުރާނީ އެންމެ ފޯރިގަދަ އަސްރަފްތާގެ ގޮތުގައި. މިފަހަރު ވަރަށް ގިނަ ބަޔަކު އެކުވެގެން މިކަންތައް މި ކުރަނީ. އެހެންވީމަ ނިމިގެންދާނީވެސް މި ގޮތުގައި ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.
ދަރަވަންދޫ ކައުންސިލް މެމްބަރ ފަރަޙަ އާދަމް

އީދަށް ތައްޔާރުވުމުގައި ފިރިހެންވެރީންވެސް ތިބީ އަންހެންވެރީންނަށް ދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. ފިރިހެނުންގެ ފަރާތުންވެސް ފެނިގެން ދިޔައީ ހަމަ އެއް މަންޒަރެކެވެ. ދަރަވަންދޫ ފިރިހެންވެރިން ބުނަނީ އީދަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި ހުރިހާ ފިރިހެންވެރިންވެސް ކުރިއަށްދަނީ މި އީދު "މަގޭ އީދު" ގެ ގޮތުގައި ދެކިގެން ކަމަށެވެ.

އަޅުގަނޑުމެން އީދުގެ އެންމެ ފަހުގެ ތައްޔާރީތަކަށް ބަލާއިރު، ފިރިހެނުންގެ ހުރިހާ ކުޅިވަރެއް ފައިނަލް ވެފަ މީނީ. ހަމަ މަގުމައްޗަށް ނުކުންނަނަ ރެޑީގަ މިހާރު މިތިބީ. ފިރިހެނުންގެ އަސްރަފްތާ މި އިންނަނީ ކުޑަކޮށް މޮޑިފައިކޮށްލާފަ. ފިރިހެނުންގެ މަގުމަތީ ކޯޑި ނެރުމުގަ އިތުރު ހަރަކާތްތަކެއް ދާނެ. އަދި، މީގެ އިތުރުން ދަރަވަންދޫގެ ފިރިހެނުންގެ ބޮޑުބެރު ގްރޫޕްވެސް ފެނިގެންދާނެ.
ދަރަވަންދޫ ފިރިހެނުންގެ ފަރާތުން ވާހަކަދެއްކި ޒުވާނެއް
ފިރިހެންވެރިން އީދަށް ފަރިތަ ކުރަނީ

އީދު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރަވަންދޫގެ ޓާފް ދަނޑު ސަރަހައްދުގައެވެ. ދަރަވަންދޫ ކައުންސިލުން ބުނިގޮތުގައި ސްޓޭޖް ހެދުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އެސަރަހައްދު ސާފު ކުރުމުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ޝާމިލްވެފައި ވާއިރު، ކައުންސިލްގެ ރައީސް އަލީ ސަމީހް ވެސް މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކޮށްލެވެއެވެ. މިއީ ރައްޔިތުންނަށް ލިބޭ އިތުރު ހިތްވަރެކެވެ.

ސްޓޭޖް ހަދަމުންދާ ސަރަހައްދު

އީދު ދުވަހުގެ ހަރަކާތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އިބްރާހީމް ހުޝާމިން ވިދާޅުވީ، ބޮޑުމަސް ފަދަ ކުޅިވަރުތަކުގައި މިފަހަރު ފެނިގެންދާނީ ކުރިން އެކަމުގައި އުޅުއްވި މީހުންގެ ދަރިން ކަމަށާއި، ސަގާފީ ކުޅިވަރުތަކުގައި ޒުވާނުން ބައިވެރިވެ، ސަގާފަތް ނެތިދިޔަ ނުދީ ދެމެހެއްޓުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން، މި ކުޅިވަރުތައް ކުޅުމުގައި ބޭނުންކުރާ ލަވަތަކަކީ ދަރަވަންދޫ އާއި، ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ރަމްޒުކޮށްދޭނެ އަމިއްލަ ޅެންތަކެއް ބޭނުންކޮށްފައިވާ ހާއްސަ ލަވަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ކައުންސިލުން އުއްމީދުކުރާ ފަދައިން "މަގޭ އީދު" ފުރިހަމަ ކޮށްދިނުމަށްޓަކައި މާލޭގައި ދިރިއުޅޭ ދަރަވަންދޫ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުންވެސް މެދުކެނޑުމެއްނެތި ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންހެންވެރިން އީދަށް ފަރިތަ ކުރަނީ

ފޯރިގަދަ ކުޅިވަރުތަކާއި ޢީދާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ހަރަކާތްތަކުގައި ބައިވެރިވުމަށާއި ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ޒިޔާރަތް ކުރާނެކަމަށް ދަރަވަންދޫ ކައުންސިލުން ލަފާކުރެއެވެ. އެގޮތުން ގާތްގަނޑަކަށް 1،000 އެއްހާ މީހުން ރަށަށް އަންނާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އީދަށް ރަށަށް އައުމަށް ގިނަ ބަޔަކު ޖާގަ ހޯދާފައިވާއިރު، ގެސްޓްހައުސްތައް ވެސް ގާތްގަނޑަކަށް ވަނީ ފުރިފައެވެ.

ދަރަވަންދޫއިން އަންގަނީ "މަގޭ އީދަށް" ދަރަވަންދޫ ތައްޔާރުކަމަށެވެ. މިއީ ނަގޮސް ދޫކޮށްލާ ވަރުގެ ފަހަރެއް ނޫނެވެ. ބޮޑު އީދަށް ޖައްސާލަންވީ ދަރަވަންދޫއަށެވެ.