މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއް ކަމަށާ އެ ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ގައުމަށް ހިދުމަތްކުރާނެ މޮޅެތި ދަރިންތަކެއް ބިނާކޮށްދީފައިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލްގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭނާ ސްކޫލަކީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލުތަކުގެ ތެރެއިން، 75 އަހަރު ފުރުނު 4 ވަނަ ސްކޫލުކަން ފާހަގަކުރައްވައި އެ ސްކޫލަކީ ތައުލީމީ ގޮތުން މުޅި އުތުރުގެވެސް ފަހުރެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މޭނާ ސްކޫލު ތައުލީމީ ގޮތުން ހާސިލުކުރަމުން އަންނަ ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން، ނ .އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީވެސް މޭނާ ސްކޫލުކަމާއި ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި އެ ސްކޫލްގެ ދަރިވަރުން ގައުމީ ފެންވަރުގައި ރަން ވަނަތައް ހާސިލްކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މޭނާ ސްކޫލް ތަރައްގީކުރުމަށްވެސް ސަރުކާރުން މަޝްރޫޢުތަކެއް ރާވާފައި ހުރިކަމަށާއި ޖާގައިގެ ދަތިކަން ހުރުމުން މޭނާ ސްކޫލް މިހާރު ހިންގަނީ ދެ ކެމްޕަހެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެއް ކެމްޕަހަކަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ޖާގަ އެއްވެސް ކެމްޕަހެއްގައެއް ނެތްކަަމަށް ރައީސް ވިދާޅުވީއެވެ.

އެކަމަށް އޮތް ހައްލަކީ، އައު ކެމްޕަސް ކައިރީގައި، ޒުވާނުންގެ މަރުކަޒު އެހުރި ބިމުގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލުން. ސްކޫލުން ބޭނުންވެފައި އެ އޮތް ގޮތަށް 22 ކްލާސް ރޫމާއި، އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ ޢިމާރާތާއެކު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަސައްކަތް ކޮށްދޭނަން. އަދި ބައު ސްކޫލްގެ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤާއިމުކޮށްދޭނަން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ތައުލީމީ ދާއިރާގެ އިތުރުން ރައީސް ވަނީ ހޮޅުދޫގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައިމަހުގެ ނިޔަލަށް މަޝްރޫއު ބީލަމަށް ހުޅުވައިލެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.