ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ދަަށުން ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ބ. ފުޅަދޫގައި ރަސްމީކޮށް ދޭން ފަށައިފިއެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ފުޅަދޫ ރައްޔިތުންނަށް ޚާއްސަ އޮފަރތަކަކާ އެއްކޮށެވެ.

އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރއަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީވެސް ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ބުނެއެވެ.

މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖެގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މިހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެތެރޭގައި 88 ރަށެއް ހިމޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.