ޖުމްހޫރީ ޕާޓީ (ޖޭޕީ) މަސައްކަތްކުރަނީ 2023 ގެ އިންތިޚާބަށް ކަމަށް އެ ޕާޓީގެ އިސްތަރުޖަމަނާނު އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓްެރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައިވެސް ހުންނެވި ޢަލީ ޞާލިހް މިހެން ވިދާޅުވީ، ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި އިއްޔެ ހަވީރު ބޭއްވި "ޖުމްހޫރީ ސައި" ހަރަކާތް ފެށުމުގެކުރިން ބައިވެރިންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކައިގައެވެ.

ޖޭޕީން 2023 ގެ ރިޔާސީ ރޭހުގައި ވާދަކުރާނެކަން ތަކުރާރުކުރައްވަމުން އަލީ ޞާލިޙް ވިދާޅުވީ، އެކަމަކު ނުނިންމަނީ ވާދަކުރާނެ ގޮތް ކަމަށެވެ. ޖޭޕީން ވާދަކުރާނީ ގިނިކަންޏާތޯ ކޯލިޝަން ހަދައިގެންތޯ ނިންމާނީ ޕާޓީގެ ގައުމީ ޖަލްސާޢިން ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ސާލިހް ވިދާޅުވީ، ހަމައެކަނި ކައުންސިލް ބައްދަލުވުމަކުން ގޮތެއް ނިންމެވުމުގެ ބަދަލުގައި ގައުމީ ޖަލްސާއިން ގޮތް ނިންމުމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ނިންމެވި ނިންމެވުމުން އެމަނިކުފާނަކީ އަމިއްލަފުޅަށް ކަންކަން ނިންމަވާނެ ބޭފުޅެއް ނޫންކަން އެނގޭ ކަމަށެވެ.

އަލީ ޞާލިހް ވަނީ މިއަދު ޖޭޕީ ކޯލިޝަނެއްގައި އޮތް ނަމަވެސް، ކޯލިޝަން ފެންނަނީ އެންމެ ފުރިހަމަ ކޯލިޝަނެއް ގޮތުގައި ނޫން ކަމަށެވެ. ފުހަހަމަ ކޯލިޝަނެއްގައި ތިބިނަމަ ކަންކަން ހިނގާނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭޕީން ގެންނަން ބޭނުންވީ ބައެއް ބަދަލުތައް ހުރި ނަމަވެސް އެ ބަދަލުތަކާ މެދު ވިސްނާ ފިކުރުކުރި ބަޔަކު ކޯލިޝަންގެ ތެރޭގައި ތިބިހެން ހީނުވާކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

ކަންކަން ކޮންމެ ގޮތަކަށް ވިޔަސް ޖޭޕީން މިހާރު މި އޮތް ކޯލިޝަން ރޫޅޭނެ ކަމެއް ނުކުރާނެ ކަމަށާއި ކޯލިޝަން ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫޜީ ސައި ހަރަކާތުގެ ތެރެއިން

"ޖުމްހޫރީ ސައި" ގެ ނަމުގައި އިއްޔެ ބޭއްވި ސައިފޮދަކީ އެ ޕާޓީގެ ސީނިއަރ ބޭފުޅުންނާއި އާންމު މެމްބަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބޭއްުވުނު ހަރަކާތެކެވެ.

މި ހަރަކާތުގައި ޖޭޕީގެ މަތީވަޑީގައި ތިއްބެވި ބައެއް ބޭފުޅުންނާއި ސިޔާސީ މަޝްރަޙުގައި ވަރުގަދަ ޖޭޕީގެ ބައެއް ސީނިއަރ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމު މެމްބަރުން ބައިވެރިވިއެވެ.

މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ޖުމްހޫޜީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމްގެ އަނބިކަނބަލުން، އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.