ސްރީލަންކާގައި ވެހިކަލްތަކަށް ތެޔޮ ފިއުލް ސްޓޭޝަނެއްގައި ތެޔޮއަޅަން ކިޔޫގައި ތިބި ބަޔަކު ހަޅުތާލުކުރަން ފަށައި، ހަޅުތާލު ކޮންޓްރޯލުން ނެއްޓުމުން ސިފައިން އާންމުންގެ ގަޔަށް ބަޑިޖަހައިފިއެވެ.
ސިފައިން ބަޑިޖަހާފައިވަނީ ކޮޅުނބުގެ އިތުރުގައި އޮންނަ ވިސުވަމަޑޫ ސަރަހައްދުގައި ޕެޓްރޯލާއި ޑީސަލް ގަންނަން ގޮސް، ރޭގައި ތިބި ބައެއްގެ ތެރެއަށެވެ.
ސްރީލަންކާ ސިފައިންގެ ތަރުޖަމާނު ނިލަންތަ ޕްރެމަރަތްނަ ވިދާޅުވީ، އާންމުންނާ ދިމާއަށް ބަޑިޖަހަންޖެހުނީ، ފިއުލް ސްޓޭޝަންގެ އެތަން ގާރޑުކޮށްގެން ތިބި ތަނަށް އާންމުން ގާއުކަން ފެށުމުން ކަމަށެވެ.
އެގޮތުން ކިޔޫގައި ތިބި މީހުންގެ ތެރެއިން ތިރީހަކަށް މީހުން ގާއުކައި ސިފައިންގެ ވެހިކަލަކަށްވެސް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އެމީހުން ގާއުކައި ދެކޮޅުވެރިކަން ފާޅުކުރަން ފެށީ، ކިޔޫގައި ތިއްބައި، ފިއުލް ސްޓޭޝަނުން ޕެޓްރޯލް ހުސްވުމުންނެވެ.
ފުލުހުން ބުނެފައިވަނީ، ގާއުކައި ހަޅުތާލު ކުރަމުންދިޔަ މީހުންގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން އާންމުންގެ ހަތަރު މީހުންނާއި، ސިފައިންގެ ތިންމީހުން ޒަޚަމްވި ކަމަށެވެ.
އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، ބޭރު ފައިސާ ހުސްވެ، ތެލާއި ގޭސް ގަންނަނެ ފައިސާ ނެތުމުން އެގައުމު ވަނީ ވަރަށް ބޮޑަށް ތެލަށް ޖެހިފައެވެ. ބޭރުން ގެންނަ މަދު ތެޔޮކޮޅު ވިއްކުން ކޮންޓްރޯލްކޮށްފައި ވާއިރު، ސްރީލަންކާ ފުލުހުންނާއި ސިފައިން ގެންދަނީ ފިއުލް ސްޓޭޝަންތައް ބަލަހައްޓަމުންނެވެ.
ސްރީލަންކާގެ ހުރިހާ ހިސާބެއްގައިވެސް ފެންނަނީ ދިގު ކިޔޫތައް ދަމަލާފައިވާތަނެވެ.