މަސައްކަތްތެރީންގެ ދާއިރާއަށް ދުވަހުންދުވަހަށް އަންނަމުންދާ ބަދަލުތައް ރާއްޖޭގެ އިޤުތިޞާދުގެތެރެއިންދަނީ ފެންނަމުންނެވެ. ކުދި ފިހާރަތަކާއި ކުދި ކުދި ގޮޅިތައް އަދި ގޭގޭގެ ދޮރާށިތެރެއިންވެސް އަންނަނީ ފެންނަމުންނެވެ. މާލެއާއި މާލެ ހިމެނޭ ތިން ރަށުގެ އެއްމެދު ގެތައްހުންނަ ގޯޅިތަކާއި ރަށުތެރެއާއި ބާޒާރުމަތީގެ ފިހާރަތަކުގެ ދުވާރުތަކުގައި ފޮށިގަނޑުތައް ބަހައްޓައި އޭގެ މަތީގައި ފިލާގަނޑެއް ބާއްވައިގެންވެސް ވިޔަފާރިމުދާ ވިއްކުން ދަނީ ގިނަވަމުންނެވެ. މީގެ އިތުރުން އާބާދީ ބޮޑެތި ރަށްތަކުގައިވެސް މިކަން އޮންނަނީ މާލެ ސަރަޙައްދުގައިވެސް އޮންނަ މިންވަރަށެވެ.

މިއީ ރާއްޖޭގައި އިމިގްރޭޝަންގެ ޤަވާޢިދުތަކަށް ލުއި ލިބުނު ފަހުން ތަންކޮޅެއް ފުޅާދާއިރާއެއްގައި ހިނގަމުން އަންނަ ކަންކަމެވެ. ރާއްޖޭގެ ރަށްރަށުގައިވެސް މަސައްކަތު މީހުންގެ އާބާދީތައް ބޮޑުވާން ފެށީއެވެ. އެހެން ނަމަވެސް ދިވެހީން ނެއް ނޫނެވެ. ރާއްޖެއަށް އެކި ގޮތްގޮތުން ހިޖުރަކޮށްގެން އުޅޭ ބިދޭސީންނެވެ. ދޭސީންގެ ވަޒީފާތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލައިގެންނެވެ. މިކަމުގެ ނަތީޖާއަކަށްވީ ރާއްޖޭގެ ހުރިހާ ދިމާއެއްގައި ބިދޭސީންގެ އިޤުތިޞާދީ ޙަރަކާތްތައް އިތުރުވެގެންދިއުމެވެ. އެމީހުންގެ ފުށުން ލިބޭ ފައިދާތައް ފެންނަނީ ގިނަވަމުން އަންނަ ވިޔަފާރި މުދަލާއި އުމްރާނީ ތަރައްޤީގެ ތެރެއިން ފެންނަ ބައެއް ކަންކަމުންނެވެ. ނަމަވެސް ލިބޭ ނަފާތަކާއި މަންފާއަށް އެކަނި ވިސްނުން ދޫކޮށްލައިގެންނެވެ. އިޤުތިޞާދީ ނަވަށްކުރާބާރު ކެނބަށްވެސް ކެތްނުވާވަރަށެވެ. އެހެން ނަމަވެސް އެކަމަކުން ކަހާތަން ހިރުވައިލި އެއްވެސް ބަޔަކު ނެތެވެ. މަރުކަޒީ ބޭންކާއި މާލީ ވުޒާރާއާއި ޕެންޝަން ފަންޑާއި މިފަދަ މާލީ މުއައްސަސާތަކުން ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހައިލިތަނެއް ނުފެނުނެވެ. އިޤުތިޞާދީ ވުޒާރާއާއި އިމިގްރޭޝަނާއި މަސައްކަތްތެރީންނާބެހޭ ވުޒާރާއިންވެސް ބެލީ ރާއްޖޭގައި އޮންނަ ދުސްތޫރީ ހަމަތަކާއި އިންޞާފު ނިންދަވާލާފައި ބާއްވާށެވެ. އަދި ނުޤަވާޢިދުން ތިބިހާ ބަޔަކު އެތިބީ ޤާނޫނީ އިމުން ބޭރުގައި ކަމަށް ނުބެލޭނެ މަގުތައް ހުޅުވައިދީ އިތުރު މީހުނަށް ޣައިރު ޤާނޫނީ ފުށުއެރުންތައް އިތުރުކުރަން ފުރުޞަތު ދީގެންނެވެ. ޤަވާއިދާއި ޚިލާފަށް އުޅޭހައިބަޔަކު ޤަވާޢިދުގެ ތެރެއަށް ވައްދައިދީގެން ޤަވާޢިދާއި ޚިލާފަށް ކޮންމެ މީހަކަށްވެސް ރާއްޖޭގައި އުޅެވިދާނެކަމުގެ ފެހި ސިގުނަލު ދީގެންނެވެ. ނަތީޖާއަކަށްވާނީ އިންސާނުންގެ ވަގުފާރިއަށް މަގުފަހިކޮށްދޭނެ ދޮރެއް ހުޅުވައިލަދިނުންފަދަ ނުރައްކާތެރި ބައިނަލްއަޤުވާމީ ޖަރީމާތަކަށް ފުރުޞަތު ލިބިގެން ދިއުމެވެ.

ދަނޑުވެރީންނާއި އޮޑިވެރީންނާއި ވިޔަފާރިވެރީންނާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކާއި ރެސްޓޯރެންޓުތަކާއި ކުދި ކަންމަތީ ފިހާރަތަކުން ފެށިގެން މިހެން ގޮސް ޢާންމު ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައި އެތިބީ ބިދޭސީންނެވެ. ރާނާ އުވަޖެހުމާއި އިމާރާތްކުރުމުގެ ދާއިރާއަށް ގެންނަންފެށި މީހުން މިއަދު މިވަނީ ގޭގޭގައި އަމުރުވެރީންގެ ގޮތުގައި ތިބޭ ބަޔަކަށްވެފައެވެ. އެމީހުން ރުޅިއަތުވެދާނެތީ ކިތަންމެ ނުރަނގަޅު ކަމެއް ކުރިއަސް އެއްޗެއް ބުނަން ޖެހިލުންވާ ހިސާބުގައެވެ.

ރާއްޖޭގައި އިމިގްރޭޝަންގެ މައްސަލަތައް އަތުވެދަނެކަމުގެ އިންޒާރު 90 އިގެ ފަހުކޮޅުވެސް ދިޔައީ ލިބެމުންނެވެ. އަދި 2000 ގެކުރީކޮޅު މިކަން އަތްދަށުން ބީވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް ދެން އަޑުއިވެން ފެށީ އިންސާނީ ޙައްޤުތަކުގެ އަސާސީ މިންގަނޑުން ކައްސައިލައިގެން ރާއްޖެ އެތައް ތަނަކުން ވެއްޓިގެންދިޔަ ވާހަކައެވެ. އަދި އެމިންގަނޑުން މައްޗަށް އަރާނެ ފުރުޞަތެއް ނުލިބި ދުވަހެއް ދުވަހަކަށް ދަށްވަމުން ދިޔައީއެވެ. އަދިވެސް މިއުޅެވެނީ އެކަމުން އަރައި ނުގަނެވިގެންނެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިޞާދީ ގުޑުން އަރުވައިލި އެންރޮން ކުންފުނީގެ ބަނގުރޫޓަށްފަހު ދުޅަހެޔޮވަމުން އައި ދުނިޔޭގެ އިޤުތިޞާދު އަނެއްކާވެސް ހީނަރު ކޮށްލީ 2008 ގެ ފަހު ކޮޅު ކުރިމަތިވި މާލީ ހިތްދަތި ކަމެވެ. މިފަދަ ކޮންމެ ދަނޑިވަޅެއް ދިވެހި ރާއްޖެއަށް ގެނުވީ އިތުރު އިޤުތިޞާދީ ރިހުންތަކެވެ. ރާއްޖޭގެ އިޤުތިޞާދުގެ ތެރެއަށް އެތެރެވަމުންދިޔަ ބޭރު މީހުން އަނެއްކާވެސް އިތުރުވަމުން ދިއުމެވެ. ނަތީޖާއަކަށްވީ އޭގެ ކުރީން ހުރި ޤަވާޢިދުތައް އާ ޤާނޫނު އަސާސީގެ މިނިވަން މާއްދަތަކުގެ ތެރެއިން ވިއްސި ވިހާލިވެގެން ދިއުމެވެ.

އިޤުތިޞާދީ ކޮންމެ އަޑިގަނޑެއްގެ ތެރޭގައި އަރައި ނުގަނެވި ތިބޭ ބައެއްގެ ތެރޭގައި ބޭރު ޤައުމުތަކުން އައިސްތިބޭ މަސައްކަތްތެރީން ހިމެނޭއިރު ރާއްޖެ ފިޔަވައި އެހެން ޤައުމުތަކުގައި އެއީ އެންމެ ބަލިކަށި ދާއިރާއެވެ. ނަމަވެސް ރާއްޖެއިން ފެނިގެން ދިޔައީ އެމީހުނަށްވުރެ ރަނގަޅަށް އާމްދަނީ ހޯދަން މަސައްކަތްކުރި ބަޔަކު ނެތްތަނެވެ. އެއީ އެމީހުން އެނބުރި ޤައުމަށް ދިއުމަށްވުރެ ކޮންމެ ޙާލެއްގައިވެސް މިތާނގައި ތިބެގެން ރަށަށް ފޮނުވާނެ އެއްޗެއް ލިބޭނެކަން އެނގޭތީއެވެ. އެއްގޮތަކުން ނޫނިއްޔާ އަނެއް ގޮތަކުން އެމީހުން ގެންދިޔައީ އާމްދަނީ ހޯދާނެ މަގުތައް ބަލައި އެމަގުތަކުން ހިނގަމުންނެވެ. ނަތީޖާއަކަށްވީ މައްސައްކަތްތެރީންގެ ބާޒާރު ދިވެހީންގެ އަތުން ފުރައުއްތަވެ ބޭރުން އަރައިތިބި ބައެއްގެ އަތްމައްޗަށް ދިއުމެވެ. އަދި މަޑުމަޑުން އެމީހުންގެ އަތްމައްޗަށް ގޯތި ގެދޮރުގެ ވިޔަފާރި އެނބުރެމުންދިއުމެވެ.

މިއަދު މި ފެންނަނީ ހަމަ އެކަނި ގޯތި ގެދޮރުގެ ވިޔަފާރިތައް ބޭރުން އަރައިތިބި ފަރުދޭސީ މަސައްކަތްތެރީންގެ މުށުތެރޭގައި އޮތްތަނެއް ނޫނެވެ. ޢާންމު މުދަލާއި ރާއްޖޭގެ އިޤުތިޞާދީ މައިނާރާއި ލޭނާރުވެސް އެމީހުންގެ ކޮންޓުރޯލުގެ ދަށަށް ދިޔަތަނެވެ. އަދި މަސައްކަތްތެރީން ޤާނޫނީ އިމުން ބޭރުވަމުން ދިޔަ ދަނޑިވަޅުގައި އެމީހުނަށް ފަހި މާޙައުލެއް ހޯދައިދީ ޣައިރު ޤާނޫނީކަން ކަނޑުވައިލަދިންތަނެވެ. އެކަމުގެ ސަބަބުން މިއަދު މިވަނީ ހަމައެއް މިންވަރެއްނެތި ބޭރު މީހުން ރާއްޖެއަށް އެތެރެވެ އަދި ރާއްޖޭގެ ރީތި އާދަތަށް ތަޣައްޔަރުކުރަން ފަށައިފައެވެ. މިކަން އެންމެ ރަނގަޅަށް ފެންނަން އެހުރީ ދިވެހީންގެ ނަމުގައި ބޭރު މީހުން ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަންތަނާއި ވިޔަފާރި ފިހާރަތަކުންނެވެ.

ބޭރުމީހުން ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި އުޅުމުގައި އެހީތެރިވެދެނީ ޣައިރު ޤާނޫނީ ޢަމަލުތަކަކުން އެކަންޏެއް ނޫނެވެ. ޤާނޫނީ ގޮތުން އުފެދިފައިވާ ތަންތަނާއި ޤާނޫނުން ހުއްދަކުރާ މަސައްކަތްތެރިކަމުގެ ދާއިރާތަކުންވެސް މެއެވެ. މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއްބަޔަކީ އާންމުންނެވެ. ތިމާމެންެ ޘަޤާފަތާއި އާދަކަދަތަކާއި ތާރީޚާއި ޙަޟާރަތު ވިނިވިނި ކޮށްލައި، ޢާންމު ދިރިއުޅުމުގެ އުޞޫލުތަކުގައިވެސް ބައިވެރިކޮށްގެން ބޭރުމީހުން ގެންގުޅެނީއެވެ.

މިތާނގައި ޘަޤާފަތާއި އާދަކާދައިގެ ވާހަކަ ދެއްކީމާ އެއީ ކޮން ގުޅުމެއް ހުރި ކަމެއްތޯ ސުވާލު އުފެދިދާނެއެވެ. އެހެން ނަމަވެސް ވިސްނައިލަންޖެހޭ ކަމަކީ ދިވެހީންގެ މަސައްކަތްތެރިކަމާއި ދިވެހީންގެ ފަންނުތަކުގެ މަސައްކަތް ބޭރުމީހުން ލައްވައި ކުރުވުމަކީ ކޮންކަަހަލަ ކަމެއްތޯ އަމިއްލައަށް ސުވާލު ކޮށްލުމެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގއެވެ. ރާއެރުމާއި ފަންގި ވިނުމެވެ. ރޯނުވެށުމާއި ކަށިކެޔޮފަތުގެ މަސައްކަތްތައް އެމީހުންގެ އަތްމައްޗަށް ދޫކޮށްލުމެވެ. މިހެން ގޮސް ދިވެހީންގެ ހުނަރާއި ފަންނުތައް ދިވެހީންގެ އަތުން ބީވެދާ މިންވަރަށް ދިވެހީން އެ މަސައްކަތްތަކާ ދުރުހެލިވެ އެމީހުންގެ އަތްމައްޗަށް ދޫކޮށްލެވިފައި އޮތުމެވެ.

ދިވެހީންގެ ދަނޑު ފަގުތަކާއި ގޮވާންކުރުމާއި އެތަކެތި ވިއްކައި ރުފިޔާއަށް ހެދުމުގެ ހުރިހާ ޒިންމާތަކެއްވެސް އެމީހުނާއި ޙަވާލުކޮށްލައިގެން ތިބުމަކީ ކުރީން މިދެންނެވި ކަންތައްތަކުގެ ހެއްކަކަށް ފުދޭނެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ އަތްމައްޗަށް ދިވެހީންގެ ޢާންމު ދިރިއުޅުންވެސް މިވަނީ ދޫކޮށްލެވިފައެވެ. ކެއިންބުއިމާއި އާމްދަނީވެސް ލިބުން މިއޮތީ އެމީހުން ދިއްކޮށްލި އެއްޗަކަށްވާ ހިސާބުގައެވެ.

މިހިސާބަށް ކަންކަން ދިޔައިރު ގޯތިގެދޮރާއި ހުސްބިން ކޮޅެއް އޮތްނަމަ އެތަނެއްވެސް އެމީހުންގެ އަތްމައްޗަށް ދޫކޮށްލައި އެމީހުންގެ މަންފާއަށް އާމްދަނީ ހޯދާތަންތަނަށް ހަދާލައިފައިވާކަން ރާއްޖޭގެ ހުރިހާ ހިސާބަކުން ދަނީ ފެންނަމުންނެވެ. ހަމައެކަނި މާލެއަށް ބަލައިލި ނަމަވެސް ހުޅުމާލެއާއި، މިއަދު ގްރޭޓަރ މާލެ މިކިޔާ ސަރަޙައްދުގެ ހުރިހާ ރަށަކުންވެސް ދަނީ ފެންނަމުންނެވެ. އެމީހުން ފިޔަފާޅިތަކާއި ގޮވަތިތައް ހަދަހަދައިގެން ދިރިއުޅޭ ގޯތިގެދޮރަށް އެފަދަ ބިންތަކާއި ތަންތަން މިވަނީ ވެފައެވެ.

ބިދޭސީން ރާއްޖޭގައި ދިރިއުޅުމަކީ ޤާނޫނީ އެއްވެސް ހުރަހެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް ޤާނޫނާއި ޚިލާފު ކަންކަން ކުރުމުގައި އުޅުމަކީ އެކަމުގެ ތަކުލީފުތަކާއި ދުއްތުރާތަކާއި ޤާނޫނީ އެތައް މައްސަލަތަކެއް ނިކުންނާނެ ކަންކަމެވެ. ނަމަވެސް ކަމާބެހޭ މުއައްސަސާތަކުން ތަންފީޒީ އިޖުރާޢަތުތައް ހިންގުމުގެ މުހިންމުކަން މިއަދު ދިވެހި މުޖުތަމަޢުގައި މިދަނީ ފެންނަމުންނެވެ. އަދި މި މައްސަލައަށް ޙައްލު ނުހޯދި ކަމުގެ ބޮޑުމިނާއިމެދު ބަޙުޘުތައް ކުރެވެމުންދަނިކޮށް އިޤުތިޞާދީ ވަޒީރު މިވަނީ ބޭރު މީހުން އިތުރަށް ރާއްޖެއަށް ގެންނަން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ. މައްސަލައަށް ޙައްލެއް ހޯދުމުގެ ދޮރެއް ހުޅުވައިލަދެއްވުމެއްނެތި މިގޮތަށް ދިވެހިރާއްޖޭގައި ބޭރުމީހުން ޤާވާޢިދާއި ޚިލާފަށް އުޅުމަށް އަދިވެސް ދޫކޮށްލުމުގެ ވިސްނުމުގައެވެ.

އަޅުގަނޑުމެންގެ ލޮބުވެތި ވަޠަން ކަމުގައި ހިމެނޭ ދިވެހި ރާއްޖެއަކީ ދީނީ ގޮތުންވެސް ތާރީޚީ ގޮތުންވެސް ބަހުގެ ގޮތުންވެސް އަދި ޘަޤާފީ ގޮތުންވެސް ފަޚުރުވެރިވުން އެކަށީގެންވާ މާޒީއެއް އޮތް ޤައުމެކެވެ. އެ މާޒީގެ މައްޗަށް މުސްތަޤުބަލު ބިނާކުރުމުގައި ޖެހިލުމެއް ސިހުމެއް ބިރެއް އޮންނަންވީ ޤައުމެއް ނޫނެވެ."
މަރުޙޫމް އިބްރާހީމް ޝިހާބު 1979 ފަތްތޫރަ

1979 ވަނަ އަހަރު ރާއްޖޭގައި ނިކުތް ދިވެހި މަޖައްލާއެއް ކަމުގައިވާ ފަތްތޫރައިގައި ދިވެހީންގެ އެއް މުދައްބިރު އަލް މަރުޙޫމް އިބްރާހީމް ޝިހާބު ލިޔުއްވައިފައިވެއެވެ.