ކ. ގުރައިދޫގައި މި ސަރުކާރުން އަޅައިދިން ދަނޑާއެކު، ދިވެހި ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތް، ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް ކައިރި މުސްތަގްބަލެއްގައި އެރަށުގެ ދަނޑުގައި ކުޅޭނެކަމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަހްލޫފް މިފަދައިން ވިދާޅުވީ، ގުރައިދޫގައި ސަރުކާރުން އަޅާފައިވާ ދަނޑު ހުޅުވުމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދަނޑު ހުޅުވުމަށްޓަކައި ބޭއްވި ރަސްމިއްޔާތަށްފަހު ހާއްސަ މެޗެއްވެސް ވަނީ ކުޅެފައެވެ. ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މިމެޗުގައި ބައްދަލުކޮށްފައިވަނީ، އެރަށުން ހޮވާލެވުނު ޓީމަކާއި ދިވެހި ފުޓުބޯޅައިގެ ލެޖެންޑުން ހިމެނޭ ޓީމެކެވެ. ލެޖެންޑުންގެ ޓީމުގެ ޖާޒީގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އާއި ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފްވެސް ފެނިގެން ގޮސްފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ، ދަނޑުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ އެމަނިކުފާނު އެންމެ ބޭނުންފުޅުވި ސްޕީޑުގައި ނޫން ކަމަށާއި، ދަނޑުގެ މަސައްކަތް ނިންމާލެވި މިއަދު ދަނޑު ހުޅުވިގެން މިދިޔައީ ބޭނުންވި ދުވަހަށްވުރެ އެތައް ދުވަހެއް ލަހުން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ރަށުގެ ޒުވާނުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި، ގޮންޖެހުންތަކާއެކުވެސް ދަނޑު މިއަދު ހުޅުވިގެންދިއުން މިއީ ނުހަނު އުފާކުރައްވާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ދަނޑު ހުޅުވުމާއެކު، މީގެކުރިން ގުރައިދޫއިން ރާއްޖޭގެ ފުޓުބޯޅައިގައި ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބު އަލުން ހޯދާ، އެހިސާބަށް އަލުން ދިއުމަށްޓަކައި މި ހުޅުވިގެންދިޔައީ ދޮރެއް ކަމަށާއި، އެކަމަށްޓަކައި މިދަނޑުގެ ބޭނުން ހިފާނެކަމަށް އުންމީދު ކުރާކަން މިނިސްޓަރ ހާމަކުރެއްވިއެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވަނީ، ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމުގެ ކުރިން ދަނޑުގެ ރޮސްޓްރަމް އާއި ލައިޓިންގެ މަސައްކަތަށް އިއުލާނު ކުރެއްވިކަން ހާމަކުރައްވާފައެވެ. އަދި މި މަސައްކަތް ނިމުމާއެކު ކައިރި މުސްތަގްބަލެއްގައި ގުރައިދޫގެ ދަނޑުގައިވެސް ދިވެހި ލީގުގެ މެޗުތައް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގުރައިދޫގެ ދަނޑުގެ ސަބް ބޭސް މަސައްކަތާއި، ޓާފް އެޅުމުގެ މަސައްކަތަށް އަދި ވަށާފާރާއި ފެންސް ޖެހުމުގެ މަސައްކަތަށް ވަނީ ޖުމްލަ 6 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްފައެވެ.
ގުރައިދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލާ، ދަނޑު ހުޅުވާފައިވާއިރު، ރާއްޖޭގެ ރަށްތަކުގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަކީ ސަރުކާރުުގެ ރިޔާސީ ވައުދެކެވެ. އަދި އެ ވައުދާ އެއްގޮތަށް ސަރުކާރުން އަންނަނީ ގިނަ ދަނޑުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަހްލޫފް ވަނީ މިހާތަނަށް ގާތްގަނޑަކަށް 40 ވަރަކަށް ދަނޑުގެ މަސައްކަތް ނިންމާލެވިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ޖުމްލަކޮށް ރާއްޖޭގެ އެކި ސަރަހައްދުގައި 85 ވަރަކަށް ދަނޑުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދިވެހި ލީގުގެ މެޗުތައް ގުރައިދޫގައި ކުޅެވޭނެ ކަމުގެ އުންމީދު މިނިސްޓަރ މަހްލޫފް ގެންގުޅުއްވާއިރު، ކުޅިވަރުގައި މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގެ ބޮޑެތި މެޗުތައް ކުޅުމަކީވެސް މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ފުޓުބޯޅައަށް ބަލާލާއިރު، ފ. ނިލަންދޫގައި ގާއިމުކުރި ޓާފް ދަނޑުގައި ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅުނުއިރު، ރ. އަލިފުށީ ދަނޑުގައި ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅެފައެވެ.
އަދި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގެ ދަނޑުތަކުގައި އަޅާ ދަނޑުތަކާއެކު، 2022/2023 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަން މުޅި ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމް އިން ކުރަމުން އަންނަ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
އަދި ކުޅިވަރުގައި ރާއްޖެއިން ހަމައެކަނި މާލެއަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އއ. އުކުޅަހުގައި ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް ވެސް މިހާރު އެބަ ކުރިއަށްދެއެވެ. މީގެއިތުރުން އޭޝިއާގެ 54 ވަނަ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ވެސް އަންނަ މަހުގެ ތެރޭގައި މާފުށީގައި ކުރިއަށްދާނެއެވެ.