ގިނަ ދުވަސްތަކަކަށްފަހު ފުޓުބޯޅައިގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ލިބުނު ފުރުސަތުގައި، އެނބުރި އައުން ވަރުގަދަކުރުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ކުރަމުންދާ ޓްރެއިނިންގ ކޭމްޕުގެ ތެރެއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
މި ކޭމްޕު އެ ޓީމުން ކުރަމުންދަނީ ޅ. ހިންނަވަރުގައެވެ. މި ކޭމްޕަށް އެޓީމުން ފުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މިއީ 10 ދުވަހުގެ މުއްދަތަށް އެޓީމުން ކުރިއަށް ގެންދާ ޓްރެއިނިންގ ކޭމްޕެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރުގައި މި ކޭމްޕު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ހިންނަވަރަކީ ފުޓުބޯޅައިގެ ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދިއުމަށް ވަސީލަތްތައް ގިނަ ރަށަކަށްވުމުގެ އިތުރުން އެ ރަށަކީ ވިކްޓްރީގެ ސަޕޯޓަރުންވެސް ގިނަ ރަށަކަށްވާތީއެވެ.
ދެވަނަ ޑިވިޝަނުން ފެށިގެން ފުޓުބޯޅައިގައި އަނެއްކާވެސް ވިކްޓްރީގެ އަޑު ގުގުމާލަން މަސައްކަތް ކުރަމުން އަންނައިރު، އެކުލަބުން ވަނީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ކަންކަން ނިންމާ، ޕްރެކްޓިސްތައްވެސް ފަށާފައެވެ. އަދި ކޯޗެއްގެ ގޮތުގައި ސްރީ ލަންކާގެ ކޯޗު ޕަކީރު އަލީ ވަނީ ހަމަޖައްސާފައެވެ. އޭނާއަކީ ލަންކާ ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިރުޝާދުދީފައިވާ ކޯޗެވެ. އޭނާ އެންމެ ފަހުން ހުރީ ބަންގްލަދޭޝްގެ ޕޮލިސް ޓީމުގެ ކޯޗަކަށެވެ.
މީގެއިތުރުން ވަރުގަދަ ސްކޮޑެއް އެކުލަބުން އެކުލަވާލާފައިވާއިރު، ސްކޮޑުގައި ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު 26 ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ. ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހިމެނީ މިސްރުގެ ތިން ކުޅުންތެރިންނާއި ޖޯޑަން އަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
ހިންނަވަރުގައި ކުރިއަށް ގެންދާ ކޭމްޕުގެ ތެރެއިން ވިކްޓްރީން މިއަދު ކުޅެފައިވަނީ އުންގޫފާރު އެސްސީ އާއި ދެކޮޅަށެވެ. ހިންނަވަރު ސްޓޭޑިއަމުގައި ކުޅުނު މިމެޗުން ވިކްޓްރީ މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
ވިކްޓްރީން މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައި މެޗުގެ 69 ވަނަ މިނެޓުގައެވެ. އަދި ފަހު ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.
މެޗުގައި ވިކްޓްރީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހްމަދު ހުސެއިން، ހަސަން ނާއިމް އަދި ހަސަން އަދުހަމް އެވެ. މެޗުގައި އުނގޫފާރު ސްޕޯޓްސް ކުލަބުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ޝާއިފް އެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭމްޕުގެ ތެރެއިން ވިކްޓްރީ އިން އެކުވެރި ކަމުގެ އިތުރު މެޗުތަކެއްވެސް ކުޅޭނެއެވެ.
ތަފާތު އެކި މައްސަލަތަކުގެ ސަބަބުން ފުޓުބޯޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑު ކޮށްފައިވާ، ދިވެހި ފުޓުބޯޅައިގެ އެންމެ ގަދަ ދެބާރު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސްގައެވެ.
ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ ހުރުމުގެ ސަބަބުންނާއި، ކުލަބުގެ ލައިސަންސްގެ ކަންކަން ފުރިހަމަކުރުމަށް އެފްއޭއެމް އިން ވިކްޓަރީ އަށް ފުރުސަތު ދިން ނަމަވެސް، ދީފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ހަމަޖައްސާފައި ނުވާތީވެ، އެފްއޭއެމް އިން އެކުލަބު ސަސްޕެންޑު ކުރަން ނިންމީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ވިކްޓްރީގެ ސަސްޕެންޝަން ވަނީ މިދިޔަ މުއްދަތުގައި ކްލަބްތަކުން ކޮންގްރެސްގައި ދަމަހައްޓައިފައެވެ.
އެނބުރިއައުމަށް ވިކްޓަރީން ކުރި މަސައްކަތުގެ ތެރެއިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވިކްޓްރީން ވަނީ އެކުލަބުގެ އިންތިޚާބު ބާއްވާ، މުލިއާގޭ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވަމުން އަންނަ، ވިކްޓަރީގެ ކުރިގެ ކުޅުންތެރިޔާ، ހުސެއިން އާދަމް (އާދަމްބެ) ރައީސަކަށް އިންތިހާބުކޮށްފައެވެ.
ވިކްޓަރީން މައުލޫމާތުދޭ ގޮތުގައި ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ މިހާރު ވަނީ އެފްއޭއެމް އާއި ހަވާލުކޮށްފައެވެ. އަދި އެ ފައިސާ ދޭން ޖެހޭ ކުޅުންތެރިންނާ ހަވާލުކުރުމުގެ ޒިންމާ އެފްއޭއެމުން ހަވާލުވެފައިވާ ކަމަށްވެސް ވިކްޓަރީން ބުނެފައިވެއެވެ.