ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެސޯސިއޭޝަން ކަޕުގައި ކުރިއަށް ދިއުމަށް ޕޮލިސް ކުލަބަށް ލިބެން އޮތް ފުރުސަތު ގެއްލުވާލާ، ގުޑީސް ސްޕޯޓްސް ކުލަބުގެ މައްޗަށް ހޯދި މޮޅާއެކު ދިވެހި ސިފައިންގެ ކުލަބުން މުބާރާތުގެ ޕްލޭ އޮފްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ޕޮލިސް ކުލަބަށް ޕްލޭ އޮފް އިން ފުރުސަތު ލިބެން އޮތީ އާދިއްތަ ދުވަހުގެރޭ ގުޑީސް އާއި ސިފައިން ބައްދަލުކުރި މެޗުގައި ގުޑީސް އަތުން ސިފައިން ފަސް ސެޓަށް ނުގޮސް ބަލިވެއްޖެނަމައެވެ. އަމިއްލަ ބާރު ގެއްލިފައި އޮތް ޕޮލިސް މާޔޫސް ކޮށްލައި، ގުޑީޒް ވެސް މުބާރާތުން ކަޓުވާލާ، މިމެޗު ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

އެގޮތުން މެޗުގެ ފުރަތަމަ ސެޓު ސިފައިން ގެންދިޔައީ 25-22 އިންނެވެ. ފުރަތަމަ ސެޓު ފަށައިގެން މުޅި މެޗު ނިމުމާ ހަމައަށްވެސް ސިފައިންގެ ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ހާއްސަ ގޮތެއްގައި އެޓީމުގެ ބިދޭސީ ތިން ކުޅުންތެރިން، ޝޯން ޓީ ޖޯން އާއި މަނޫ ޖޯސެފް އަދި ކާތިކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި ސިފައިންގެ ކެޕްޓަން، ހުސެއިން ޝާހިދު (ޝާޑު) އާއި އާދަމް ނަސީމް (އެޑަމް)ގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ދެވަނަ ސެޓު ފަށައިގެން ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ގުޑީޒް އިން މި ސެޓުގައި ލީޑުގައިވެސް އޮތެވެ. އެގޮތުން 11-13 އިން ލީޑުގައި ސިފައިން އޮތްއިރު، ސިފައިން މިސެޓު ގެންދިޔައީ ފަހަތުން އަރައެވެ. މިސެޓު ސިފައިން ކާމިޔާބުކުރީ 23-25 އިންނެވެ. މިއާއެކު ލީގު މެޗުތަކަށްފަހު ސިފައިންނަށް ޕޮއިންޓުގެ ގޮތުން ކުރިލިބި، ޕްލޭއޮފްގެ ޖާގަ ކަށަވަރުވިއެވެ.

ކަށިން ހިތްވަރުނެރެ ތިންވަނަ ސެޓުގައިވެސް ގުޑީޒް އިން ސިފައިންނާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދިންއިރު، މި މެޗުގެ ފަހުކޮޅުގައި، 17-19 އިން ގުޑީޒް ކުރީގައިވެސް އޮތެވެ. އެހެންނަމަވެސް އަނެއްކާވެސް ސިފައިންގެ ކުޅުންތެރިން ވަނީ ކުޅުން ވަރުގަދަކޮށް މިސެޓުވެސް ކާމިޔާބު ކޮށްފައެވެ. މިސެޓު ސިފައިން ގެންދިޔައީ ފުރަތަމަ ސެޓެކޭވެސް އެއްފަދައިން 22-25 އިންނެވެ.

މުބާރާތުން ގުޑީޒް ކެޓިއިރު އެޓީމަކީ މި މުބާރާތުގައި މޮޅެއް ނުހޯދާ ނިންމާލަން ޖެހުނު ހަމައެކަނި ޓީމެވެ. އެޓީމަށް މިހާލަތު ކުރިމަތިވިއިރު ބިދޭސީ ކުޅުންތެރިއަކާއި މުހިންމު އިތުރު ކުޅުންތެރިއަކަށްވެސް ވަނީ މުބާރާތުގެ ކުރީކޮޅު އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ އިތުރަށް ނުކުޅެވިފައެވެ.

ޕްލޭ އޮފްގެ ޖާގަ ސިފައިން ކަށަވަރުކުރިއިރު އެޓީމުން ޕްލޭ އޮފްގައި ނުކުންނާނީ ކްލަބް ވެމްކޯ އާއި ދެކޮޅަށެވެ. ފައިނަލުގެ ސީދާ ޖާގަ ކަށަވަރުކޮށްފައި ވަނީ ސްޕޯޓްސް ކުލަބު ސިޓީއެވެ. އެޓީމުން ވަނީ މުބަރާތުގައި ކުޅުނު ފަސް މެޗުން 12 ޕޮއިންޓު ހޯދާފައެވެ. ވެމްކޯ އަށް ލިބެނީ ފަސް މެޗުން 11 ޕޮއިންޓެވެ. ސިފައިންގެ ކުލަބަށް ލިބުނީ 10 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ޕޮލިސް ކުލަބަށް ލިބެނީ 7 ޕޮއިންޓެވެ.

މީގެއިތުރުން އޮއފު އެފްސީ އަށް 3 ޕޮއިންޓު ލިބިފައިވާއިރު ގުޑީޒް އަށް ވަނީ 2 ޕޮއިންޓު ލިބިފައެވެ.

ޕްލޭ އޮފްގައި ސިފައިންނާއި ކުލަބު ވެމްކޯ ބައްދަލުކުރާ މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެރޭ 20:15 ގައެވެ. އަދި އެމެޗުން ކުރިހޯދާ ޓީމަކާއި ދެކޮޅަށް ފައިނަލުގައި ސްޕޯޓްސް ކުލަބު ސިޓީ ނުކުންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ 20:30 ގައެވެ.

އެންމެފަހުން 2019 ވަނަ އަހަރު އެސޯސިއޭޝަން ކަޕް ބޭއްވިއިރު، އެ ފަހަރު މުބާރާތް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބެވެ.