ގައުމީ ތަރައްގީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ނައިބް ރައީސް ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށެވެ. އަދި ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ.

މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ސްޓެލްކޯއިން ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދޭ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދޭ. ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި 35 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރަމުންދޭ. އަދި އެފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދެން."
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

މިޖަލްސާގައި ނައިބް ރައީސް ވަނީ ސްޓެލްކޯގެ ރޫފްޓޮޕް ސޯލާ ހަކަތަ ޕްރޮގްރާމް، އަވިކަތަ އިފްތިތާޙުކޮށްދެއްވާފައެވެ.

މީގެ އިތުރުން ސްޓެލްކޯގެ 25 އަހަރުގެ ތާރީޚުގައި އެކުންފުންޏަށް ޚިދުމަތްކޮށްދެއްވާފައިވާ މެނޭޖިންގ ޑިރެކްޓަރުންނަށްދޭ އެވޯޑާއި، ދިގު މުއްދަތުގެ އެވޯޑު އަދި ބެސްޓް ޔުނިޓްހެޑް/ސްޓޭޝަން މެނޭޖަރުންނަށް ދޭ އެވޯޑު ހަވާލުކޮށްދެއްވީ ނައިބް ރައީސްއެވެ.

1949 ވަނަ އަހަރު މާލޭގައި ކަރަންޓްގެ ޚިދުމަތްދޭން ފެށުނުއިރު، މާލޭގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ސަތޭކަ އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އުފައްދަވާފައި ވަނީ 1997 ވަނަ އަހަރުގައެވެ.