އައްޑޫ ސިޓީ މީދޫ މަތިކިޅީގައި ހަދަމުންދާ އިކޯ ގާޑަން އަކީ ގުދުރަތީ ރީތިކަމުން ފުރިގެންވާ ހިތްގައިމު ސަރަހައްދެކެވެ.

މީދޫ މަތިކިޅި ސަރަހައްދަކީ ކުރީ ޒަމާނުގައި މީރު ފެނުގެ އެތައް ފެންގަނޑެއް އޮތް ބޮޑު ކުޅިއެ ކަމަށް އެ ރަށުގެ ގިނަ ބަޔަކު ބުނެއެވެ. އެހެންނަމަވެސް އެ ފެންގަނޑުތަކުގެ ބޮޑު ބައިވަނީ މިހާރު ޗަސްބިމަކަށް ބަދަލުވެފައެވެ. އެސަރަހައްދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހު ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު މަސައްކަތަކީ ފެންގަނޑު ތެރޭގައި ހުރި ކުނިބުޏްނާއި ބުރުފަދަ ވިނަތައް ސާފުކޮށް ރީތި ކުރުމާއި ފެންގަނޑު ވަށައިގެން ހިނގޭނެ ގޮތަށް ވޯކުވޭ ހެދުމެވެ. ގިނަ ބައެއްގެ އެހީތެރިކަމާއެކު ފެށިގެން ދިޔަ އެ މަސައްކަތުގެ ނަތީޖާވެސް ރަނގަޅެވެ. އެތެއް ޒަމާނެއް ވަންދެން ގެއްލިފައި އޮތް މި ރީތި ސަރަހައްދުގެ އުފާ މީދޫ ރައްޔިތުންގެ އިތުރުން އެރަށަ ޒިޔާރަތްކުރާ އެންމެންނަށްވެސް ލިބިގެން ދިޔައެވެ.

މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުން އައްޑޫ ސިޓީ ކައުންސިލާއި 2021 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު، މިހާރުވެސް އެ ސަރަހައްދުގައި ތަރައްގީ ކުރަމުންދާ އިކޯ ގާޑަންގެ ހުރިހާ މަސައްކަތެއް ބަލަހައްޓަމުން ދަނީ އެ ސަރަހައްދުގެ ރީތިކަން ދިވެހިންނަށް ދައްކާލި ޓީމުންނެވެ. އެ ޓީމްގެ މެންބަރުން އަންނީ ވަރު ބަލި ކަމެއް ނެތި އެ މަސައްކަތް ކުރަމުންއެވެ. އެ ޓީމްގެ އެންމެ އިސް ދައުރެއް އަދާކުރީ އަދި މިހާރުވެސް ކުރަމުން ދަނީ މުހައްމަދު ސަލާހާއި، އަބްދުﷲ ޒުހުރީ އަދި ސިޔާދު އަހްމަދުގެ އިސްނެގުމާ އެކުއެވެ. މިކަމުގައި މީދޫގެ ޒުވާނުންގެ ވެސް އެހީތެރިކަންލިބެއެވެ.

މިހާރުވެސް އެ ސަރަހައްދުގެ މަސައްކަތް މުހައްމަދު ސަލާހުގެ ބެލުމުގެ ދަށުން، ކުރިއަށްދާއިރު، މީގެކުރިން އެ ސަރަހައްދަށް ދިއުމަށް ގިނަ ބަޔަކަށް ދިމާވަމުން ދިޔަ ދަތިތައްވެސް ވަނީ ހައްލުވެފައެވެ. މީ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތާއި އެކު ޔުނެސްކޯގެ ގްރީންފަންޑްގެ އެހީތެރިކަން ލިބި މި ސަރަހައްދު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުކޮށްލާފައެވެ.

އިކޯ ގާޑަން އާއި ހަމައަށް ދެވޭނެ ވޯކްވޭ އެއް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، މިހާރު އެ ސަރަހައްދުގެ މަންޒަރުވަނީ މީގެ ކުރި އާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިހާރު އެ ސަރަހައްދު ކުރިއަށްވުރެ ފުރިހަމަވެފައި ރީއްޗެވެ. އިކޯ ގާޑަންގެ ވޯކްވޭ ބަދަލުކޮށް، ކުޑަ ދެ ބްރިޖާއި އެކު އިށީންނާނެ ބެންޗުތައްވެސް ވަނީ ޖަހާފައެވެ.

މިއީ މިފަހަރު ޗުއްޓީގައި އައްޑޫ ސިޓީ މީދޫއަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް އެތަނުގެ ރީތިކަމާއި ފުރިހަމަކަން ބަލާލުމަށް އެންމެ އެކަށީގެންވާ އެއް ތަނަކަށް ވެގެންދާނެއެވެ. ރީތި ފޮޓޯތަކާއި، ވީޑިއޯތައް ނެގުމަށް އިކޯ ގާޑަން މިހާރު އޮތީ ފައްކާވެފައެވެ.