ގައުމީ އެއާލައިން މޯލްޑިވިއަން ބަނގުރޫޓުވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ. ސައީދު ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަނަން ފެންނަ ކަމަށް 5 މެމްބަރުން ވޯޓު ދެއްވާފައިވާއިރު މި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
މެމްބަރު ސައީދު ހުށެހެޅި މައްސަލައިގައި ބުނެފައިވަނީ އައިލެންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލާ ކުންފުނީގެ މާލީ ހާލަތު މިއިން ޒަމާނެއްގައި ދަށަަށް ނުދާހާ ދަށަށް ގޮސް، ކުންފުނި ބަނގުރޫޓު ވެފައިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވާ ކަމަށާއި، 2021 ވަނަ އަހަރުވެސް އެ ކުންފުންނަށް 159 މިލިއަން ރުފިޔާ ގެއްލުންވެ ކުންފުނި މިއިން ޒަމާނެއްގައި ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަމަށެވެ.
މޯލްޑިވިއަން ބަނގުރޫޓުވަމުންދާ ކަމަށް ދެކިވަޑައިގަންނަވާ ސަބަބުވެސް މެމްބަރު ސައީދު ވަނީ ހާމަކުރައްވާފައެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވި އަނެއް ސަބަބަކީ، މޯލްޑިވިއަންގެ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަޤްވާމީ މިންގަނޑުތައް ދަމަހައްޓަން ޖެހޭ އަދި ހިފަހަައްޓަންޖެހޭ ކަންކަން ނުހިފެހެއްޓި ފަހަކަށް އައިސް މަތިންދާ ބޯޓުތަކަށް ގިނަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް މެމްބަރު ސައީދު ވިދާޅުވިއެވެ. އަދި މަތިންދާބޯޓުގެ ޓަޔަރުތައްވެސް ބަދަލުކުރަންޖެހޭ މުއްދަތަށް ބަދަލުނުކުރެވި ބައެއް ބޯޓުތައް ސްޕެއާ ނުލިބި ގްރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާތީ، ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.