ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ގޮންޖެހުންތަކުގެ އަސަރު ދިވެހި ރާއްޖެއަށްވެސް ކުރަމުންދާތީ، ކޮންމެހެން ކުރަން ޖެހޭ ކަންތައްތައް މެނުވީ ނުކުރުމަށާއި، ގިނަ ދާއިރާތަކުން ޚަރަދުތައް ކުޑަކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ނިންމައިފިއެވެ.

މި ނިިންމުން ނިންމި ސަބަބު ބަޔާންކޮށް، ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވި ސާކިއުލާ އެއްގައި ވަނީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ކޮމޯޑިޓީގެ ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާތީ، ދައުލަތުގެ ޚަރަދުތައް ކުރިން އަންދާޒާނުކުރެވޭ މިންވަރަކަށް އިތުރުވަމުންދާ ކަމަށެވެ.

މިއާއެކު ދައުކަތަށް ލިބޭނެ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ޚަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށާއި، ދުނިޔޭގެ މާލީ ބާޒާރުގައި އިންޓަރެސްޓު ރޭޓު ބޮޑުތަނުން އުފުލެމުންދާ ދަނޑިވަޅެއްގައި ޚަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާނަމަ، މި ޑެފިސިޓް ފައިނޭންސް ކުރުމަށްވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެކަން ފާހަގަކޮށްފައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި މި ބުރަ އުފުލުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުފެންނާތީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ޚަރަދުތައް އިގުތިސާދު ކުރުމަށް މިވަގުތު ޖެހިފައިވާކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އަދި މިކަން ކުރާނެ ގޮތްތަކާއި، އަޅާނެ ފިޔަވަޅުތައްވެސް މިނިސްޓަރ ސޮއިކުރައްވާ ނެރުއްވި ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް

ޚަރަދު ކުޑަކުރުމަށް ނިންމި ނިންމުމުގެ ދަށުން ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި، މުއައްސަސާތަކުގެ އޮފީސް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅުންހުރި ފަސްކަމަކަށް މަޑުޖެހުމެއް ގެނައުމަށް ނިންމާފައިވެއެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް އެއްވެސް މަގާމެއް ނުއުފެއްދުމާއި، ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު، މިނިސްޓްރީގެ ހުއްދަ ލިބިގެންނޫނީ މުސާރައިގެ އޮނިގަނޑުތަކަށް އެއްވެސް ބަދަލެއް ނުގެނައުން ހިމެނެއެވެ. އަދި ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް، މިހާރު ދޭން ފަށާފައިނުވާ އެއްވެސް އައު އެލަވެންސް އެއް މިއަހަރުގެ ތެރޭގައި ނުދިނުމާއި، މިނިސްޓްރީގެ ހުއްދަ އާއި ލައިގެން މެނުވީ އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަން އެއް ދިނުން އަދި މުސާރައަށް ބަދަލު އަންނާނެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވެއެވެ.

މީގެއިތުރުން ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ކުރުމަށާއި، ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މެނުވީ އިތުރު ގަޑީގައި ނުކުރުމަށްވެސް އަންގާފައިވެއެވެ.

ޚަރަދު ކުޑަކުރުމަށް ދެން ނިންމީ، ސަރުކާރުގެ ބޭނުމަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ އުސޫލަށް ބަދަލު ގެނެސްގެންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށާއި ސްޓަޑީ ޓުއާ އާއި ޓްރޭނިން ދަތުރުތައް ހުއްޓާލުން އަދި ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ކުރިއާލާ ފިނޭސްގެ ހުއްދަ ހޯދަން އަންގާފައިވެއެވެ.

އަދި ސަރުކާރު އޮފިސްތައް ހިންގުމަށް ބޭނުންވާ ކަންކަން ކުރުމަށް ކުރާ ޚަރަދު ކުޑަކުރުމަށްވެސް އަންގާފައިވެއެވެ. އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް 5،000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ގަންނަން ފިނޭންސްގެ ހުއްދަ ހޯދުމާއި، އޮފީސް ހިންގަން ބޭނުންވާ ހިދުމަތްތަކުގެ ތެރެއިން އާ ހިދުމަތެއް ތާއާރަފްކުރާ ނަމަ، 5،000 ރުފިޔާއަށް ވުރެ އިތުރަށް ހަދަރުކުރަން ޖެހޭ ނަމަ ފިނޭންސްގެ ހުއްދަ ހޯދުމަށް އަންގާފައިވެއެވެ.

މީގެއިތުރުންވެސް އެހެން ބައެއް ކަންތައްތައް މަޑުޖައްސާލުމަށާއި، ގުޅުންހުރި އެހެން ދާއިރާތަކުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ނެރުނު ސަރކިއުލާގައި އަންގާފައިވެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ސަރކިއުލާއަށް މިއަދުން ފެށިގެން އަމަލުކުރަން ފަށަން ޖެހޭނެއެވެ. އެގޮތުން ކައުންސިލްތައް ފިޔަވައި ދައުލަތުގެ ހުރިހާ އޮފީހަކުން މި ސާކިއުލާ އަށް އަމަލުކުރަން ވަނީ އަންގާފައެވެ.