އެމްޑީޕީގެ އަސާސްތައް ނުހިފަހައްޓައިފިނަމަ ރައީސް ނަޝީދު ޖަލަށް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވަނީ ވިޕްލައިނާ ގުޅޭގޮތުން ފާޑުވިދާޅުވެފައެވެ.

އެމްޑިޕީގެ އަސާސްތަކާއި ގަވާއިދުތަކަށް ހިފެހެއްޓުމަށް އެދި މެމްބަރު ވަނީ ޕާޓީގެ އަސާސްތައް ހިފެހެއްޓުމަށް ޕާޓީގެ ރައީސް، ރައިސް ނަޝީދަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޕާޓީގެ އަސާސްތަކާއި އެއްގޮތަށް އަމަލުނުކޮށްފިނަމަ ޕާޓީ ހަލާކުވުމަކީ ވަރަށް ގާތް ކަމެއް ކަމަށާއި ޕާޓީ ހަލާކުވެއްޖެނަމަ ކުޑަގޮޅީގަ ތިބޭނީ އެ ބޭފުޅުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ނެތޭ. ދައުވާއެއް ނުކުރެވޭނެ. އަޅުގަނޑުމެން ތިބޭނީ އާންމު ރައްޔިތުން ގާތުގަ ރައްޔިތުންނާ އެކުގައޭ އެ ދުވަހުގަވެސް."
ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް

ރާއްޖެ މިހާރު މިއޮތް ހާލަތުގައިވެސް ޑިމޮކްރަސީގެ ފޮނިމީރުކަން ލިބޭނެ ކަން ފާހަގަކުރައްވާ މެމްބަރު ސަނީފް ވިދާޅުވީ އެއްބައިވަންތަ ވެރިކަމެއް ރައީސް ސާލިހް ފިޔަވައި ކުރެއްވި ވެރިއަކު ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މިކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލިޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އިގްތިސާދީގޮތުންނާއި ސިޔާސީ އުނދަގޫ ހާލަތުގައިވެސް ރައީސް ސާލިހް ގެންދަވަނީ ކަންކަން މެނޭޖްކުރައްވަމުން ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާލަތުގައިވެސް ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް އެބަ ހިންގަވާ. އެހެންވީމަ އަޅުގަނޑު ބުނަން އޮތީ އަޅުގަނޑުމެން ކީއްވެގެންތޯ އޭ ސަރުކާރާއެކީގަ މަސައްކަތް ނުކުރަންވީ؟ މިކަން ޚާއްސަކޮށް ސަރުކާރު ނިސްބަތްވާ ޕާޓީއަށް އަޅުގަނޑުމެން ވަދެތިބެ ކީއްވެގެންހޭ މިކަން ނުކުރަންވީ؟ އަޅުގަނޑުމެން މިހާބޮޑަށް އަމިއްލަ އެދުން އިސްކޮށްފިއްޔާ ޖަލުގަ ތިބޭނީ އަޅުގަނޑުމެނެއް ނޫން. މާދަމާވެސް ޖަލުގައި ތިބެންޖެހޭނީވެސް އެ ވާހަކަ އެންމެ ބޮޑަށް ދައްކާ ބޭފުޅުން. ޑިމޮކްރަސީއަށްޓަކައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނޭ ތިބޭނީ ޖަލުގަ. އެހެންވީމަ އެ ބޭފުޅުން ގެނައި ޑިމޮކްރަސީ އެ ބޭފުޅުންގެ އަތްޕުޅުން ހަލާކުކޮށްނުލާށޭ."
ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް

ވިޕް ލައިންގެ މައްސަލަ ހޫނުވެފައި މިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހެޅޭ މައްސަލަތަކުގައި އެއްވެސް ބަހުސެއް ކުރުމެއްނެތި ވަކިގޮތަކަށް މައްސަލަ ނިންމުމަށް ވިޕްލައިން ނެރެ އެގޮތަށް ފާސްކުރަމުން ގެންދާތީއެވެ.

އެގޮތުން ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުކުރަން ގިނަ މެންބަރުން ވޯޓު ދެއްވުމާއި ޕިޖީ ހުސެއިން ޝަމީމުގެ އިތުބާރުނެއް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕީޖީ ގުރޫޕުން ފާސްކުރި ފާސްކުރުން ހިމެނެއެވެ.