ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ގދ. ކާޑެއްދޫ އެއަރޕޯޓު ތަރައްގީ ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވެފައިމިވަނީ ގދ. އަތޮޅު ކާޑެއްދޫ އެއާޕޯޓު ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފި ކަމަށް އެ އަތޮޅު ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެއްވާފައިވަނިކޮށެވެ.

ކާޑެއްދޫގެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވެގެން ދިޔުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އަތޮޅުގެ ރައްޔިތުން ދެކޭއިރު ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓުގެ ހާލަތު ދެނެގަތުމަށްޓަކައި ފަންނީ ބޭފުޅުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ.

ގާސިމް އިބްރާހީމަކީ އިންވެސްޓަރެއްކަން ފާހަގަކުރައްވާ ސަނީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ޚިދުމަތް ހޯދައިދިނުމަށްޓަކައި ގާސިމް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިރާދަކުރެއްވިއްޔާ ގާސިމާއެކުވެސް މަޝްވަރާ ކުރައްވާނަން. އަދި ސަރުކާރާއެކުވެސް މަޝްވަރާކުރާނަން ތިނަދޫއަށް ވެފައޮތް ވައުދު ފުއްދޭނެ އިންތިޒާމެއްގެ ތެރެއިން މިކަން ދެކޮޅު ޖެއްސޭނެ ގޮތްތަކެއް އަޅުގަނޑުމެން ހޯދާނަން. މި މަސައްކަތް ގާސިމް ކުރައްވާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރައްވަން."
ތިނަދޫ ދެކުނު ދާއިރާ މެމްބަރު އަބްދުﷲ ސަނީފް

ހުވަދޫ އަތޮޅު ރައްޔިތުންގެ އުންމީދާ ގުޅިފަވާ ކާޑެއްދޫ އެއަޕޯޓުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 7 އަހަރުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެ ކަމަށް ވިލާ އެއާއިން ލަފާކުރެއެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ވިލާ އެއާއިން ގދ. ކާޑެއްދޫ އެއަރޕޯޓުން ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 01 މާރޗް 2022 ގައެވެ.

ކާޑެއްދޫ އެއަރޕޯޓް ތަރައްގީވެގެންދާއިރު ބޭނުންވާ އެސް.އޯ.ޕީ ތަކާއި، މެނުއަލްތައް ހަދައި ނިންމައި، ބައެއް މެނުއަލްތައް ސިވިލްއޭވިއޭޝަނާއި، ނާސާއަށް ސަބްމިޓް ކުރުމަށް ފޮނުވުންވެސް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.

ވިލާއެއާއިން މައުލޫމާތު ދެއްވި ގޮތުގައި، އެއާޕޯޓް ތަރައްގީކުރުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، އެމަޖެންސީ އެކްސަސައިޒް ބޭއްވުމަށް ބޭނުންވާ ކަންތައްތަކުގެ ތައްޔާރީތައް ޖުލައި މަހަށް ތާވަލުކުރުންވެސް ހިމެނެއެވެ.

އަދި މުވައްޒިފުންނާއި ގުޅޭ ދާއިރާތަކުން މުވައްޒިފުންނަށް އިތުރު ތަމްރީންތައް ދިނުމާއެކު، ސޭފްޓީ އާއި ސެކިއުރިޓީއާ ގުޅުންހުރި ގިނަ ކަންތައްތަކެއް އެއަރޕޯޓް ތަރައްގީވެގެން އަންނައިރު ފުރިހަމަ ކުރެވޭނެ ކަމަށްވެސް ވިލާއިން ބުނެއެވެ.