ކަރަންޓުގެ ހިދުމަތް ދޭ މައި ކުންފުންޏެއްގެ ގޮތުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އޮތް ނަމަވެސް އެކުންފުންޏަށް ރައްޔިތުންގެ އިތުބާރު ހޯދަން މަޖިބޫރުވެފައިވާ ކަމަށާއި ރައްޔިތުން ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ބިލް ނުކުރާނެކަން އާންމުންނަށް އެންގުމަށް ހޭލުންތެރިކުރަން ޖެހޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީ ޝަރީފް ވިދާޅުވީ، ސަރުކާރަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ސްޓެލްކޯ އެހެން ވިޔަފާރިތަކަށް ވަދެ އާމްދަނީ ހޯދައިގެން ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮ ކުރަންޖެހޭ ކަމަށާއި އެ މަގަށް މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ.

ކަރަންޓުގެ އިތުރުން ސްޓެލްކޯއިން މިހާރުވެސް ބައެއް ހިދުމަތްތައް ދެމުން އަންނަކަން ފާހަގަކުރައްވަމުން އެމްޑީ ޝަރީފް ވިދާޅުވީ ބައެއް ރަށްރަށުގެ ނަރުދަމާގެ ހިދުމަތާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ އެހެން މަސައްކަތްތަކުން ލިބޭ އާމްދަނީން ސަބްސިޑައިޒް ކޮށްގެން ކަމަށެވެ.

އެ ކުންފުނިން މިހާރު ކުރަމުން އަންނަ މައިގަނޑު ވިޔަފާރީގެ އިތުރުން ފެނާއި ނަރުދަމާއާއި ދެމެހެއްޓެނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން މިހާރު އަންނަނީ މަދުންނަމަވެސް ރާއްޖޭގެ އެކިސަރަހައްދުތަކުގައި ކަރަންޓުގެ ޚިދުމަތުގެ އިތުރަށް ފެނާ ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެކުންފުނިން އަމިއްލަ ފައިމައްޗަށް ތެދުވުމާ ދިމާލަށް މިސްރާބު ޖަހަން ހާއްސަ އިތުރު މަސައްކަތްތަކެއް ވެސް ފަށާފައިވެއެވެ.