ޔޯގާ ނުވަތަ ސަންސްކްރިތު ބަހުރުވައިން ނަމަ "ޔޯގް" އަކީ، ޖިސްމާނީ، ސަފްސާނީ އަދި ރޫހާނީ ހަމަޖެހުމަށްޓަކައި ކަމަށްބުނެ، ދުނިޔޭގެ އެކި ކަންކޮޅުގައި ކުރަމުން އަންނަ ކަސްރަތެކެވެ.

އެކި ވައްތަރުތަކުގެ ޔޯގާ ދުނިޔޭގެ އެކި ހިސާބުތަކުގައި "މެޑިކޭޝަން" އެއްގެ ގޮތުގައި ބޭނުންކުރާއިރު، މިއީ ގަދީމީ އިންޑިއާ އިން ވުޖޫދުވެގެން އައި ކަސްރަތުގެ ބާވަތެކެވެ. ހިންދުއިޒަމް، ބުދިޒަމް އަދި ޖެއިނިޒަމްގެ އުސޫލުތައް އުނގަންނައިދޭ އެކި މަދަރުސާތަކުގައި ޔޯގާގެ ތަފާތު އެކިއެކި ވައްތަރުތައް ކިޔަވައިދެއެވެ.

ހުޅަނގުގެ އާދަކާދައިގެ ތެރެއަށް މަޑުމަޑުން ޔޯގާގެ އެކި ވައްތަރުތައް ވަދެގެންދިޔައިރު، ހުޅަނގުގެ ގައުމުތައް މިސާލަތަކަށް ބަލައިގެން، ސައްތައިންސައްތަ މުސްލިމުން ދިރިއުޅެމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ޔޯގާގެ އެކި ވައްތަރުތައް އަންނަނީ "ޕްރެކްޓިސް" ކުރަމުންނެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި، މައިންބަފައިންނާއި ދަރިން އެކުގައިވެސް ޔޯގާ ޖައްސާއިރު، މި ކުރެވެނީ ނުވަތަ ދަރިންނަށް މި ހުޅުވައިދެނީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ކަމެއްގެ ތެރެއިން، އިތުރު އެހެން ގޯސް ކަންތައްތަކުގެ ތެރެއަށް، ދޮރެއްކަން އެ ބެލެނިވެރިންނަކަށް ނޭނގެއެވެ.

ގަދީމީ އިންޑިއާ އިން ވުޖޫދުވި ޔޯގާގެ ވައްތަރެއް ކަމުގައިވާ "ސޫރިއާ ނަމަސްކަރަ"

ޔޯގާގެ ވާހަކަ މި ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖޭގައި ވަރަށް ގަދައަށް ދެކެވެމުން އެބަ އާދެއެވެ. ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން މާލޭގައި ޔޯގާ ހަރަކާތެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

އެންމެފުރަތަމަ މި ހަރަކާތް ބާއްވަން މަސައްކަތްކުރީ ރަސްފަންނުގައެވެ. ޔޯގާ ހަރަކާތް ބާއްވަން ނިންމައި، އެ ކަމުގެ ރެޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނުގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ނުދޭން، އެ ކައުންސިލުން މިއަދު ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވާ ސަބަބެއްގެ ގޮތުގައި ކައުންސިލުން ބުނެފައިވަނީ، އެގޮތަށް ކައުންސިލްގައި އާއްމުންގެ ގިނަ ބަޔަކު އެދެމުންދާތީ ކަމަށެވެ.

މީގެ ކުރިން ބޭއްވި ޔޯގާ ހަރަކާތެއްގެ ތެރެއިން- ފޮޓޯ:- އިންޑިއަން ކަލްޗަރަލް ސެންޓަރު

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރަސްފަންނު ނުދޭން ނިންމުމާއެކު، މިނިސްޓްރީން މިހާރު ވަނީ މި ހަރަކާތް ގަލޮޅު ރަސްމީ ދަނޑުގައި ބާއްވަން ނިންމާފައެވެ.

މިއާއެކު ރާއްޖޭގެ މަޝްހޫރު އެތައް އިލްމުވެރިއަކާއި، އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތައް ރަނގަޅަށް ދަންނަ މީހުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކުވެސް ވަނީ މި ހަރަކާތް ނުބޭއްވުމަށް ގޮވާލާ އަޑުއުފުލާފައެވެ. ޔޯގާގައި ދީނީ ފުށުއެރުންތަކެއް ހުރިކަމަށް ބުނެ، އިލްމުވެރިންގެ ގުޅުން ޖަމިއްޔާއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

މިކަމުގައި ގިނަ ދިވެހިންގެ ޚިޔާލު އެއްގޮތެވެ. މަދު މީހެއް މެނުވީ، ދެކެނީ މިއީ އިސްލާމްދީނާއި، ދީނުގެ އުސޫލުތަކަށް ފުށުއަރާ ހަރަކާތެއް ރާއްޖޭގައި ބޭއްވިގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް މަދު ބަޔަކު ދެކޭ ގޮތުގައި މިއީ ހަމައެކަނި ކަސްރަތެއްގެ ގޮތުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މިފަދަ ކަންކަމާ ދީނާއި ގުޅުވުމުން އެކަމާ ހިތްހަމަ ނުޖެހިގެންވެސް މަދު ބަޔަކު ޝުއޫރު ފާޅުކޮށްފައިވެއެވެ.

ކޮންމެއަކަސް މިކަމަކީ މިހާރު ގައުމުގެ އެންމެންގެ ލޯ އެކަމަކަށް އަމާޒުވެފައިވާ ކަމަކަށް މިވަނީ ވެފައެވެ. އެހެންކަމުން ހިޔާލުތަފާތުވާ މަދު ދިވެހިންނަށްވެސް ޔޯގާގެ ހަގީގަތް، އިންޑިއާގެ ޔޯގާ ގުރޫއެއްގެ ވާހަކައަށް ރިއާޔަތްކޮށް މި ރިޕޯޓުގައި ގެނެސްދޭނަމެވެ.

ޔޯގާގެ ހަގީގަތް: ސަދްގުރޫގެ ދުލުން

ޖަގަދިޝް "ޖައްގީ" ވަސުދޭވް (ސަދްގުރޫ)

ޖަގަދިޝް "ޖައްގީ" ވަސުދޭވް ނުވަތަ އާންމު ނަމުންނަމަ ސަދްގުރޫ އަކީ އިންޑިއާގެ ޔޯގާ ގުރޫއެކެވެ. އޭނާ އަންނަނީ 1982 ވަނަ އަހަރުން ފެށިގެން ދެކުނު އިންޑިއާގެ އެކި ސަރަހައްދުތަކުގައި ޔޯގާ ގުރޫއެއް، ނުވަތަ ޔޯގާ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. 1992 ވަނަ އަހަރު އިންޑިއާގެ ކޮއިމްބަތޫރުގައި ބިނާކުރި "އީޝާ ފައުންޑޭޝަން"ގެ ވެރިއަކީ ސަދްގުރޫ އެވެ.

އިންޑިއާގެ ކޮއިމްބަތޫރުގައި ހުންނަ އީޝާ ފައުންޑޭޝަނުގެ އީޝާ ޔޯގާ ސެންޓަރު

ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ސަދްގުރޫ އަންނަނީ ޔޯގާ އާއި، ބުދު ދީނުގެ އެކިއެކި މައުލޫމާތުތައް އެކަންކަން އެނގެން ބޭނުންވާ ފަރާތްތަކަށް ހިއްސާކުރަމުންނެވެ.

ސަދް ގުރޫ ކިޔައިދިން ގޮތުގައި މުޅި ޔޯގާގެ ހަގީގަތަކީ، މަޚްލޫގެއްގެ ގޮތުގައި ހުރެފައި، އެ މަޚްލޫގެއް ހެއްދެވި ޚާލިޤުވަންތަ އިލާހަށް ތިމާ ބަދަލުވުން ކަމަށެވެ.

އަދި މިއީ މެޑިޓޭޝަންގެ ތެރެއިން އިލާޚު ދެނެގަތުމަށް ނުވަތަ ޒުވާނުންނަށް ފަހުމުވާގޮތަށް ބުނާނަމަ، "އިން ސަރޗް އޮފް ގޮޑް" ކުރާކަމެއް ނޫން ކަމަށާއި، މިއީ އިލާހަކަށްވުމަށް ކުރާ ކަމެއްގެ ގޮތުގައި ސަދްގުރޫ ސިފަކޮށްފައިވެއެވެ. އަދި މިއީ އިލާހުވަންތައް ސިފަތަށް ދެނެގަތުމަށް ކުރާކަމެއްވެސް ނޫން ކަމަށާއި، މިއީ އިލާހުވަންތަ ސިފަތައް، އަމިއްލައަށް ލިބިގަތުމަށްޓަކައި ކުރާ ކަމެއްކަމަށް ސަދްގުރޫ ބުނެފައިވެއެވެ.

ޔޯގާ ގުރޫ އެއްގެ ގޮތުގައި 40 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ، އަދި އެގައުމަކުން ޔޯގާ ވުޖޫދުކުރި އިންޑިއާ އަށް ނިސްބަތްވާ ޔޯގާ ގުރޫ، ސަދްގުރޫގެ ވާހަކަތަކަށް ބަލާނަމަ، މިކަން ދިވެހިރާއްޖޭގައި ކުރުމަށް ފުރުސަތު ދެވިގެން ނުވާނެއެވެ. ގިނަ އިލްމުވެރިންތަކަކާއި، ގިނަ އާންމުންގެ ގޮވާލުމާ ދެކޮޅަށް، މިކަން ކުރަން ކަމާބެހޭ ވުޒާރާތަކުންނާއި މުއައްސަސާތަކުން ހުއްދަވެސް ދީގެން ނުވާނެއެވެ. އަދި މުސްލިމެއްގެ ގޮތުގައި ހުރެ، މިފަދަ އެއްވެސް ކަމެއްގައި ބައިވެރިވުމަކީ ހުއްދަ ކަމަކަށް ނުވާނެކަމަށް ރާއްޖޭގެ ގިނަ އިލްމުވެރިންތަކެއް އަންނަނީ ބުނަމުންނެވެ.