އެކްޓަރު އަޖޭ ދޭވްގަންއާއި ސިދާތް މަލްހޯތްރާ އަދި ބަތަލާ ރަކުލް ޕްރީތް ސިންގް އެކީގައި ފެނިގެންދާ ފިލްމު "ތޭންކް ގޯޑް" ރިލީޒްކުރުން ފަސްކޮށްފިއެވެ.
މިއަހަރުގެ ޖުލައި 29 ގައި ފިލްމު ރިލީޒްކުރާނެކަމަށް ރިޕޯޓުތައް ބުނެފައިވަނިކޮށް ފަހުގެ ޚަބަރުތައް ބުނާގޮތުން ފިލްމު ރިލީޒްކުރުން އަންނަ އަހަރުގެ ދިވާލީއަށްވަނީ ފަސްކުރެވިފައެވެ.
ހެއްވާ މަޖާ ކަންތައްތައް އެކުލެވޭ މިފިލްމަކީ ދިރިއުޅުމުގައި އާއްމުކޮށް ދިމާވާ ތަފާތު އެކި ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ.
އިންދަރް ކުމާރު ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ކޮމެޑީ ސީންތަކެއް އެކުލެވިފައި ވީނަމަވެސް ފިލްމުން ބެލުންތެރިންނަށް ވަރަށް ހިތްގައިމު މެސެޖެއް ލިބިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ.
އަންނަ އަހަރު ފިލްމު ރިލީޒްކުރުން ފަސްކުރެވުނު ޚަބަރާއެކު ޓްވިޓަރކުރި މެސެޖުގައި ބުނެފައިވަނީ ފިލްމަށް މިހާބޮޑު ޑިލެއިއެއް އައުމަށް މެދުވެރިވީ ކޮވިޑް-19ގެ ޕެންޑަމިކްއާއި ގުޅިގެންނެވެ. ބުޝަން ކުމާރު ޕްރޮޑިއުސަރެއްގެ ދައުރުކުޅޭ މިފިލްމަކީ ޓީ-ސީރީސްގެ އުފެއްދުމެކެވެ.
ފިލްމު "ތޭންކް ގޯޑް" އަކީ އެކްޓަރު އަޖޭ ދޭވްގަންއާއި ބަތަލާ ރަކުލް ޕްރީތް އެކީގައި ފެނިގެންދާނެ 3 ވަނަ ފިލްމެވެ.
މި ދެ ތަރިން އެންމެ ފުރަތަމަ ފެނިގެންދިޔައީ 2019 ވަނަ އަހަރު ރިލީޒްވި ކޮމެޑީ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" އިންނެވެ. އެއަށްފަހު މިއަހަރު ރިލީޒްކުރި ފިލްމު "ރަންވޭ 34" އިން ދެތަރިންވަނީ ފެނިފައެވެ.
ރަކުލްއާއި އެކްޓަރު ސިދާތް އެންމެ ފުރަތަމަ 2019 ވަނަ އަހަރު ރިލީޒްވި ފިލްމު "މަރްޖާވާ" އިންވަނީ ފެނިގެންގޮސްފައެވެ. މިފިލްމުގައި ރަކުލް ފެނިގެންގޮސްފައިވަނީ ތަންކޮޅެއް ކުޑަ ރޯލަކުންނެވެ. ނަމަވެސް 2018 ވަނަ އަހަރު ރިލީޒްވި ފިލްމު "އައްޔާރީ" ގައި ސިދާތްއެކު އަންހެން ލީޑްއިން ފެނިފައިވަނީ ރަކުލްއެވެ.
މި 3 ތަރިންގެވެސް ކުރިއަށް ވަރަށް އުއްމީދީ ފިލްމީ މަސައްކަތްތަކެއް އެބަހުއްޓެވެ. އެގޮތުން ސިދާތް މަލްހޯތްރާގެ އަތުގައި މިފިލްމު ހިމަނައިގެން 3 ފިލްމެއް އެބައޮތެވެ. އެއީ މިހާރު އެއްކޮށް މަސައްކަތް ނިމިފައިވާ ފިލްމު "މިޝަން މަންޖޫ" އާއި މިހަރުވެސް މަސައްކަތް ކުރިޔަށްދާ ފިލްމު "ޔޯދާ" އެވެ.
އެކްޓަރު އަޖޭ ދޭވްގަންގެ ލިސްޓުގައި އިތުރު 5 ފިލްމެއްގެ މަސައްކަތްވާއިރު ބަތަލާ ރަކުލްގެ ލިސްޓުގައިވެސް 5 ފިލްމެއްވެއެވެ.