2018 ވަނަ އަހަރު ރިލީޒްވި ކާމިޔާބު ހޮރޯ ކޮމެޑީ ފިލްމުގެ ޕްރީކުއެލްއެއް ގެނެސްދިނުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގިތުން މިފަހަރުގެ ޕްރީކުއެލްއިންވެސް ފެނިގެންދާނީ ބަތަލާ ޝްރަދާ ކަޕޫރެވެ.

މިވަގުތު ސްޕެއިންގައި ކުރިޔަށްދާ ޕްރޮޑިއުސަރު ލަވް ރަންޖަންގެ ފިލްމުގެ ޝޫޓިންގްއަށްފަހު ބަތަލާ ޝްރަދާ މިފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޝްރަދާ މިފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ބުނަމުންދާއިރު އެކްޓަރު ވަރުން ދަވަންގެ ފިލްމު "ބޭޅިޔާ" ގައި ބަތަލާ ޖާންވީ ކަޕޫރާއެކު ފެނިގެންދާ ރޯލްގެ މަސައްކަތްވެސް އަދި އޮތީ ކުރިޔަށެވެ.

މިފިލްމުގައި ބަތަލާ ޖާންވީ ފިލްމު "ރޫހީ" ގެ ރޯލްގެ ބައެއް ދައްކުވައިދޭއިރު ޝްރަދާ ދައްކުވައިދެނީ 2018 ވަނަ އަހަރުގެ ފިލްމު "ސްތްރީ" ގައި އޭނާ ކުޅުނު ރޯލްގެ ބައެކެވެ.

މި 3 ފިލްމުގެ ވާހަކައިގައިވެސް އެއް ކެރެކްޓާ އަނެއް ކެރެކްޓާއާއި ގުޅިފައިވާކަމަށް ދައްކުވައިދޭއިރު ފިލްމު "ބޭޅިޔާ" އިން ދިމާވުމުގެ އެމީހުންގެ ދިރިއުޅުމުގެ މާކުރީގައި ހިނގާފައިވާ ހާދިސާތައް ދައްކުވައިދޭނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމު "ސްތްރީ" ގެ ޕްރީކުއެލް ބިނާކޮށްފައިވަނީ މިފަދަ ކޮންމެވެސް އެއް ހާދިސާއެއްގެ މައްޗަށެވެ.

ފިލްމު "ސްތްރީ" ގެ ޑައިރެކްޓަރު އަމަރު ކޯޝިކްގެ "ބޭޅިޔާ" ފިލްމު މިއަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު ފިލްމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިޑިއާ ރިޕޯޓުތަކުން ބުނެފައިވާގޮތުގައި ފިލްމު "ސްތްރީ" ގެ ޕްރީކުއެލް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަނީ މިއަހަރުގެ އޯގަސްޓުމަހުއެވެ.

މިފަހަރުގެ ޕްރީކުއެލް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހޮރޯ ކޮމެޑީ ފިލްމެއްގައި މަސައްކަތްކުރަމުން އަންނަ މަރާޓީ ޑައިރެކްޓަރު އަދިތްޔާ ސާރްޕޮތްދާރްއެވެ. އަދިތްޔާ މިވަގުތު މަސައްކަތްކުރަމުން އަންނަނީ "ކަކޫޅާ" ކިޔާ ފިލްމެއްގައެވެ.

ބަތަލާ ޝްރަދާގެ އިތުރުން އެކްޓަރު ރާޖްކުމާރް ރާއޯ މުހިއްމު ރޯލްއިން ފެނިގެންދިޔަ ފިލްމު "ސްތްރީ" އަކީ އިންޑިއާގެ ދުރު އަވަށެއްގައި ރޭގަނޑުގަޑީގައި އެހިސާބު ގޭގޭގެ ދޮރުގައި ޓަކި ޖަހަމުންދާ ރޫހާނީ އެއްޗެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ރާޖް ކުމާރް ރާއޯގެ އިތުރުން ފިލްމުގައި ދެން ފެނިގެންދިޔައީ ޕަންކަޖް ތްރިޕާތީ، އަބީޝެކް ބެނާޖީ އަދި އަޕަރް ޝަކްތީ ކުރާނާއެވެ.

https://www.youtube.com/watch?v=gzeaGcLLl_A